ބާގްޔަޝްރީ ޕަޓްވަރްދާން ފިލްމީ ދާއިރާއަށް ނުކުތީ 1989 ވަނަ އަހަރުގެ މަޝްހޫރު ފިލްމު "މޭނޭ ޕިޔާރް ކިޔާ" އިން "ސުމަން" ގެ ރޯލުންނެވެ. އޭގެފަހުން 32 އަހަރު މުނިފޫހިފިލުވުމުގެ ދާއިރާގައި ހޭދަވެފައި ވާއިރު، މި ފަހަކަށް އައިސް އިންސްޓަގްރާމުގައި އޭނާ ދަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންނެވެ.
ބާގްޔަޝްރީއަށް މިއަދު 52 އަހަރު ފުރުނު ނަމަވެސް ފެންނަ ފެނުމަށް އޭނާ އަދިވެސް ވަރަށް ޒުވާނެވެ. އެގޮތުން ގިނަ ބަޔަކު ބުނަމުންދަނީ އޭނާ ފެންނަ ފެނުމަށް ހީވަނީ 30 އަހަރުގެ ޒުވާނެއްހެން ކަމަށެވެ. މިކަމުގެ ސިއްރު އެނާ އިންސްޓަގްރާމްގައި ހިއްސާކުރާ ބިއުޓީ ވީޑިއޯތަކާއި ފިޓްނެސް ވީޑިއޯތަކުން ފެނިގެންދެއެވެ.
އެގޮތުން ހަންގަނޑު ރީތިކުރުމަށް އޭނާވަނީ މީގެކުރިން "ބިއުޓީ ހެކް"އެއް ހިއްސާކޮށްފަ އެވެ. ބާގްޔަޝްރީ ހިއްސާކޮށްފައިވާ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ސެފްރޯން"އަކީ ސެލްތަކަށް ދިރުންގެނެސްދޭ އެއްޗެއްކަމަށާއި ބައި ތަށި ހޫނުފެނަށް ސެފްރޯންކޮޅެއް އަޅާލައިގެން ކޮންމެދުވަހަކު ހެނދުނު ބޯނަމަ ހަންގަނޑު ރީތިވާނެކަމަށެވެ.
ރިސާޗުތަކުން ދައްކާގޮތުގައި ސެފްރޯންއަކީ ހަންގަނޑުގެ އެކިމައްސަލަތަކަށް ރަނގަޅު ގުދުރަތީ ފަރުވާ ލިއްބައިދޭ ބާވަތެކެވެ. އަދި އެއީ މުޅި ދުނިޔޭގައި ވެސް ހަވާދުގެ ބާވަތްތަކުގެ ގޮތުގައި ބޭނުންކުރާ ތަކެތީގެ ތެރެއިން އެންމެ އަގުބޮޑު ބާވަތެވެ.
"މޭނޭ ޕިޔާރްކިޔާ" އިން ބެލުންތެރިންގެ ހިތްތައް އަތުލި ބާގްޔަޝްރީ ވަނީ އެ ފިލްމުން ފިލްމު ފެއަރ އެވޯޑުވެސް ހޯދާފައެވެ. ނަމަވެސް ކާމިޔާބު އެއް ފިލްމަށްފަހު ބެލުންތެރިން ހިތްހަމަ ޖެހޭވަރުގެ އެކްޓިންގ އެއް ނުދެއްކުނު ބާގްޔަޝްރީ ފަހުން ވަނީ ފިލްމުތަކުގެ ސަޕޯޓިންގ ރޯލުތައްވެސް ކުޅެފައެވެ. މީގެ އިތުރުން ސައުތު އިންޑިއަން ފިލްމުތަކާއި ބޯޖްޕުރީ އަދި މަރާޓީ ފިލްމުތައް އޭނާ ވަނީ ކުޅެފައެވެ. ހިންދީ ފިލްމަކުން އޭނާ އެންމެ ފަހުން ފެނުނީ ސުނިލްޝެޓީ އާއެކު 2010 ވަނަ އަހަރު "ރެޑް އެލާޓް" އިން ނެވެ.
10 އަހަރުގެ މެދުކެނޑުމަކަށް ފަހު، ބާގްޔަޝްރީގެ 2 ފިލްމެއް މިހާރު އޮތީ ތައްޔާރަށެވެ. "ތަލައިވީ" އާއި "ރާދޭ ޝިޔަމް" މި ދެ ފިލްމަކީ ވެސް ހިންދީ ބަހުގެ އިތުރުން އިންޑިއާގެ އެހެން ބައެއް ބަސް ބަހުންވެސް ނެރެން ހަމަޖެހިފައި ވާ 2 ފިލްމެވެ.