ސިޔާސީ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ބިރުދައްކައި، އެމަނިކުފާނަށް ދެމުންދާ އަނިޔާއާއި ކުރިމަތިލައި އެކަންކަމަށް އިންސާފު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަމަށާއި، ރައީސް ރާމީންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގައި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކުރުމުންވެސް އިންސާފު ނުލިބި އިދިކޮޅު މެމްބަރުންނަށް ލިބިފައިވާ މާޔޫސްކަމާއި، ހިތާމައަށް ހިތްވަރު ދެއްވައި ޝުޖާ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި މިއީ އަދި ފަހަތަށް ޖެހެންވީ ވަގުތެއް ނޫންކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަކޮށް، އާ އަޒުމެއްގައި ލީޑާރޝިޕުންވެސް މަސައްކަތް ކުރާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިތްދަތި ކަމާއި އުގަދޫ ދުވަސްތައް ކުރިމަތިވީ ނަމަވެސް އުފާވެރި ދުވަސްތައްވެސް ބައްދަލު ކުރާނެކަމަށެވެ. އަދި މިއަދު އޮތް އުންމީދަކީ ރައީސް ޔާމީން މިނިވަންކޮށް މިޤައުމުގެ ހައްގުގައި ކިތަންމެ މަދުބަޔަކު މަސައްކަތް ކުރަން ތިބި ނަމަވެސް އެކަންކޮށް ރައްޔިތުންނަށް އުފާވިކަން ހާސިލް ކުރެވޭނެ ކަމުގެ ޔަގީން އޮތުންކަމަށެވެ. އަދި މިކަމުގައި ކުޑަކޮށްވެސް ހިތްވަރު އެލުވާލާއި ފަހަތަށް ނުޖެހޭނެކަމަށް ޝުޖާ ވަނީ ވިދާޅުވިއެވެ.
ޕީ.ޕީ.އެމްގެ ލޮބުވެތި މެމްބަރުން ހިތްވަރު ކުރައްވާ. މީވެސް ދުވަހެއް. ހިތްދަތި ދުވަސް ތަކަކަށް ފަހު އުފާވެރި ދުވަސްތައް ބައްދަލު ކުރާނެ. ރައީސް ޔާމީންގެ ހައްޤުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނެ. އަޅުގަނޑުމެންނަކީ 5 މީހުންނާ އެކު މަސައްކަތް ކޮށް ބޮޑުވި ބައެއް!
– ޝުޖާ ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އެމަނިފާނަށް ތާއީދުކުރާ އެތައް ބަޔަކު އިއްޔެވެސް ވަނީ މާލޭ މަގުތަކަށް ނިކުމެ އަޑު އުފުލާފައެވެ. އަދި އެމަނިކުފާނަށް އިންސާފު ގާއިމްކޮށް، އަދުލުވެރިކަމާއިއެކު ޝަރީއަތް ހިންގުމަށް އާންމު މެމްބަރުން ދަނީ ގޮވާލަމުންނެވެ. ރައީސް ޔާމީން ޖަލުގައި އޮންނަތާ ދެ އަހަރާއި ގާތްވަމުންދާއިރު، އެމަނިކުފާނާއި ދޭތެރޭގައި އަމަލު ކުރަމުންދަނީ ވަރަށް އިހާނަތެކޮށް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެމަނިކުފާނު ހުރީ ޤައުމާއި ރައްޔިތުންގެ ހައްގުގައި ކިތަންމެ ދުވަހަކު ޖަލުގައި އޮންނަން ޖެހުނަސް މިސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާގޮތަކަށް ނޫންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ