ރައީސް ޔާމީން ޖަލަށް ލުމަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

ރައީސް ޔާމީން ޖަލަށް ލުމަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 03:39
0

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދުކޮށްފި.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މިހުކުމް ކުރުމަށް ފުރަތަމަ ތާވަލު ކޮށްފައިވަނީމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ.

ރައީސް ޔާމީނުގެ ކަރަންޓު އެކައުންޓަށް އެސްއޯއެފުން ޖަމާކުރި 1 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުމެންޓު އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ އަތުގައި ބަހައްޓައި އެއިން މަންފާ ހޯދުމުގެ ރުކުން ސާބިތުވެފައިވާ ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އަދި އެސްކްރޯ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާ ނޫން އެހެން ފައިސާއެއް ޖަމާކުރުމަކީ އެ ފައިސާގެ އަސްލު އޮޅުވައިލުމާއި އަތުގައި ބެހެއްޓުމާއި ބޭނުންކުރުމުގެ ކުށް ސާބިތުވާ ކަމެއް ކަމުގައި ހައިކޯޓުން ވަނީ ނިންމާފައެވެ.

ހައިކޯޓުންވަނީ ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ބެލެވޭނެ ފަދަ ހާލަތެއް އޮތުމާއެކު މަނީ ލޯންޑަރިންގެ ކުށުގެ ފުރަތަމަ އުންޞުރު ފުރިހަމަވެފައިވާ ކަމަށް ހުށަހަޅާފައިވާ ހެކީގެ އަލީގައި ސާބިތުވާ ކަމަށެވެ.

އިސްތިއުނާފުކުރުމުގައި 75 ނުކުތާ ހުށަހަޅާފައި އޮތް ނަމަވެސް ގިނަ ނުކުތާތަކެއް ތަކުރާރުވެފައިވުމުގެ ސަބަބުން، މައްސަލަ ދިރާސާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާ ކަމަށާއި، ވަކީލުން ހުށަހަޅާ ހުށަހެޅުންތައް ވީހާވެސް ސާފުކޮށް ހުށަހެޅަންޖެހޭ ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކުރީގެ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެ ފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.