ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަކީ ވަރަށް ހަރުކަށި، އަދި އިންތިޚާބު މިނިވަންކަމާއިއެކު ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެ ގައިޑްލައިނެއްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވަނީ ގައިޑްލައިނުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ. ހަބީބު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ކަމުގައެވެ.
އޮފިޝަލުން ތަމްރީން ކުރުމަށްވެސް އެޗްޕީއޭއިން ބާރުއަޅަނީ އޮންލައިންކޮށް ކަމަށާއި، ނަމަވެސް އޮންލައިންކޮށް އެކަން ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އަދި ރަށްރަށްދާ އިލެކްޝަންގެ އޮފިޝަލުން 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކޮށް، ޕީސީއާރު ޓެސްޓު ހެދުމަކީވެސް ބޮޑު ޚަރަދެއް ހިނާގެ ކަންތައްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އެކި ބޭނުންތަކަށް ދާ ފަރާތްތަކަށް ކަރަންޓީން ވާންނުޖެހި، ޕީސީއާރު ޓެސްޓެއްވެސް ނުހަދައި ދަތުރު ކުރާއިރު، އިލެކްޝަނަށް މިކަން މަތި ކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ.
އުސޫލުވާންޖެހެނީ މިނިވަންކަމާއި އިންސާފުވެރިކަމާއިއެކު އަމަލު ކުރެވޭ އުސޫލަކަށް. އަޅުގަނޑުމެން 4 މީހަކު ފޮނުވާ މީހުން ރަށްރަށުގައި ކަރަންޓީންވެފައި ތިބުމުގެ ނަތީޖާއަކަށް ވެގެންދާނީ، ފޮނުވާމީހާއި ބަހައްޓައިގެން ކުރަންޖެހޭ ޚަރަދަކީ ދިވެހި ދައުލަތަށް ކުޅަދާނަވެގެންވާ ކަމެއްނޫން.
– ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަނަށް ފަސޭހަ ގޮތްތަކެއް ފަހިވެގެން ނޫނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނޭކަމަށެވެ. އިންތިޚާބު ބޭއްވުމަށްޓަކައި ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުންނަށް ކެންޕެއިން ކުރެވޭނެ ޖާގަނުދީ އިންތިޚާބު ބާއްވައިފިނަމަ ދައުލަތުން މިހާރު ދީފައިވާ 51 މިލިޔަން ރުފިޔާ ދެވަނަ ފަހަރަށް ޚަރަދު ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ދެ ތާރީޚަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެގޮތުން އޭޕްރީލް 3 ނުވަތަ 10 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް ވަނީ މަޝްވަރާކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުން އިންތިޚާބުގެ ޚާއްސަ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު އެޗްޕީއޭއިން ކަނޑައެޅި ގައިޑްލައިނާއިމެދު މިއަދު ބޭއްވި އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނާއި ސިޔާސީ ޕާޓީތަކުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފަޅުކޮށްފައެވެ.
މިބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ މިހާރު އޮތް ހާލަތުގައި އިންތިޚާބު ބާއްވައިފިނަމަ ޤާނޫނީ ގިނަ ސުވާލުތަކެއް ކުރިމަތިވާއިރު، ރާއްޖެއަށް ވެކްސިން ލިބި އެންމެންނަށް ވެކްސިން ފޯރުކޮށް ދިނުމަށްފަހު އިންތިޚާބު ޖޫން މަހަށް ފަސްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އަދި މިގޮތަށް ސިޔާސީ ޕާޓީތަކުން އެއްބަސްވެ އިތުރު މަޝްވަރާއަކަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ