ވެކްސިން އެއް ތަޙުލީލު ކުރުމުގެ މަރުޙަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި އޮކްސްފޯޑު ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ގެނެސް ވެކްސިން ޖެހުމަށް ތައްޔާރުވަމުންދާއިރު އިދިކޮޅު ކޯލިޝަނުން ނެރުނު ބަނުގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޢާންމު ޞިއްޙަތާއި ދުޅަހެޔޮކަމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެންމެ އިސްކަންދޭ، އެއްކަމަކަށްވާތީ، ކިތަންމެ ބޮޑު ޚަރަދެއް ކޮންގެންނަމަވެސް، ކޯވިޑް 19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެ ގެންނަންވާނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އެޕްރޫވްކޮށްފައިވާ، އެންމެ ފެންވަރު ރަނގަޅު، އަދި ވެކްސިންގެ ރައްކާތެރިކަން އެ ޖަމުޢިއްޔާއިން ކަށަވަރުކޮށްދީފައިވާ ވެކްސިނެއްކަމަށެވެ.
ބަލިތަކުން ދިފާޢުވުމަށް ޖަހާ ވެކްސިންއަކީ އެ ވެކްސިންއަކާއި ގުޅޭގޮތުން ގިނަ ތަޙުލީލުތަކެއް ކުރުމަށްފަހު، ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޞިއްޙަތާއި ބެހޭ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއްޗަކަށްވާއިރު، ވެކްސިން ޖެހުމުން އުފެދޭ ތަފާތު ރިއެކްޝަންސް އާމެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް ވާންޖެހޭކަމަށް މިބަޔާނުގަައި ވެއެވެ.
ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިއު އެޗް އޯއިން އަދި ޤަބޫލުކުރާ ވެކްސިނެއް ނޫންކަމަށް މި ކޯލިޝަނަށް ވަނީ މައުލޫމާތު ލިބިފަ. އަދި އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަޤުތުހުރި ވެކްސިނެއް. އަދި އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫންކަމަށްވެސް މި ކޯލިޝަނަށް މައުލޫމާތު ލިބިފައިވޭ.
– އިދިކޮޅު ކޯލިޝަން ބަޔާނުގައި ވެއެވެ.
ކޯވިޑް19 ގެ ބަލިމަޑުކަން ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވުމާއެކު، މި ބަލިން ރައްކާތެރިވުމަށްޓަކައި، ޑަބްލިއު އެޗް އޯއިން ޤަބޫލުކުރާ ވެކްސިން އަކަށް ދިވެހިން އިންތިޒާރުކުރަމުން ދަނިކޮށް، އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ އިދިކޮޅު ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ، އަދި ހިތާމަކުރާ ކަމެއްކަމަށް ވަނީ ބުނެފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި، ވެކްސިން އެއް ތަޙުލީލު ކުރުމުގެ މަރުޙަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ