Ad
ޗައިނާ އެއްބަސްވުމުގައި ސުން ޕަސެންޓް ހިމަނާފައިވަނީ ރާއްޖޭގައި ނުބާނާ މަހަށް: ނަޝީދު

ޗައިނާ އެއްބަސްވުމުގައި ސުން ޕަސެންޓް ހިމަނާފައިވަނީ ރާއްޖޭގައި ނުބާނާ މަހަށް: ނަޝީދު

Author
މުޙައްމަދު ޖިމީ
12 އޮކްޓޯބަރ 2020 11:08
0

ރާއްޖެއާއި ޗައިނާއާއި ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް އެތެރެކުރެވޭ މަހުގެ ބާވަތްތަކުގެ ތެރެއިން ސުން ޕަސެންޓު ނަގާ ލިސްޓުގައި ހިމަނާފައިވަނީ ރާއްޖޭގައި އެއްގޮތަކަށްވެސް ނުބާނާ މަހަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރުން ޗައިނާ އާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް މިނިސްޓްރީން ހިފަހައްޓާފައިވާކަމަށް ބުނެ ކާށިދު ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށައެޅުއްވި ސުވާލަކަށް ޖަވާބުދެއްވުމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ޙާޒިރުކުރި ޖަލްސާގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުން މިހާރު ވުޖޫދުގައި ނެތްކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމުގެ ޑިއުޓީ ޝީޓް ލިބިވަޑައިގެންފައިވާކަމަށްވެސް ވިދާޅުވިއެވެ.

"އޭގެތެރޭގައި ދިރޭ މަސް، އޯނަމަންޓަލް މަހަށް 17.5 ޕަސެންޓް، އެހެން ދިރޭ މަހަށް 17.5 ޕަސެންޓް. ދެން ރާއްޖޭގައި ނުލިބޭ އެއްޗެއްވެއްޖާ ސުން ޕަސެންޓް. އެކަހަލަ އެއްޗެއްސަށް ވަރަށް ރަނގަޅަށް ހުރީ. އިއްޒަތްތެރި މެންބަރުން ބައްލައްޥާ ލައްވައިފިއްޔާ މި ޑިއުޓީ ޝީޓު ފެނިވަޑައިގަންނަވާނެ ފްރީޓްރޭޑް އެގްރިމަންޓްގައި އަޅުގަނޑުމެންނަށް ލިބިފައިމިަ ޑީލު. މިރަޢްޖޭގައި ނުބާނާ ހުރިހާ ބާވަތެއްގެ މަހަކަށް ސުން ޕަސެންޓު އެބަހުރި" މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން ލިބޭ މަހެ އްވެއްޖެނަމަ ޔޫރަޕިއަން ޔޫނިއަނުން ނަގާ ޑިއުޓީއާއި ދާދި އެއްވަރެއްގެ ޑިއުޓީއެއް ނަގާކަމަށް ލިސްޓުގައި ހިމަނާފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވުމުން ކުރީ ސަރުކާރުގައި މިއެއްބަސްވުން އެކުލަވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މާވަށު ދާއިރާގެ މިހާރުގެ މެންބަރު މުޙައްމަދު ސަޢީދު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ. އަދި ވިދާޅުވީ، މަޖިލީހުގެ ރައީސް ވިދާޅުވި ވާހަކަފުޅަކީ އިތުރުފުޅެއްކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން މަޖިލީހުގައި ތިވާހަކަފުޅު ތިގޮތަށް ވިދާޅުވީމަ ކުރީ ދުވަހު ދެންނެވިގޮތަށް 296 އައިޓަމް ސުން ޕަސެންޓުގައި އެކްސްޕޯޓް ކުރެވޭނެ ވާހަކަ އިނގޭތޯ. އިއްޒަތްތެރި ރައީސް ވިދާޅުވި ތިވާހަކަފުޅަކީ މުޅިން ރަނގަޅު ވާހަކަފުޅެއް ނޫން އިނގޭތޯ." ސައީދު ވިދާޅުވި އެވެ.

ސަޢީދު އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އެ އެގްރިމަންޓްގެ ސީދާ ކޮޕީ އަތްޕުޅުގައި އޮންނެވިކަމަށާއި، އެއީ މަޖިލީހުގައި އޮތް ކޮޕީއެއްކަމަށެވެ. އެއީ މަޖިލީހަށް ގެނެސްގެން ނިންމި އެގްރިމެންޓެއްކަމަށާއި އެގްރިމަންޓަށް ވޯޓް ދިނީވެސް މަޖިލީހުންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެއެގްރިމަންޓް ފާސްކޮށްފައިވަނީ ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވާކަމަށެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފަރީގެ އެއްބަސްވުމަކީ ދައުލަތަށް ފައިދާވާ އެއްބަސްވުމެއް ނޫންކަމަށް ސަރުކާރުން ދަނީ ވިދާޅުވަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.