ވަރުގަދަ ކަންނަޑާ އެކްޝަން ފިލްމް ސީރީޒް "ކޭޖީއެފް"ގެ ތަރި ނަވީން ކުމާރު ގޮވްޑާ، އާންމުން ދަންނަ ނަމުންނަމަ ޔަޝް، އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ޔަޝް އޭނާގެ އަންހެނުން ރާދިކާ ޕަންޑިތާއި ދެ ދަރިންނާއެކު ރާއްޖެ އައީ ހޯމަ ދުވަހު އެވެ. އަދި އެ އާއިލާ ޗުއްޓީ ހޭދަކުރަމުންދަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައެވެ. އޭނާ ޗުއްޓީއަށް ރާއްޖެއައި ކަން އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައި ވަނީ ދުނިޔެ މަތީގައި ސުވަރުގެއެއްވާ ނަމަ އެއީ ރާއްޖެ ކަމަށެވެ.
ޔަޝް އިންސްޓަގްރާމުގައި އާއްމުކުރި ފޮޓޯތަކުން އަންހެނުންނާއި ދެ ކުދިން، އައިރާ އާއި ޔަތަވް ވެސް ފެނެއެވެ. މީގެތެރޭގައި ސީ ޕްލޭން ކައިރީގައި ނަގާފައިވާ ފޮޓޯތަކަކާއި، ރިސޯޓުގެ ދޮންވެލި ގޮޑުދޮށުގައި އުޅޭ ފޮޓޯތައް ވެސް ހިމެނެއެވެ.
ޔަޝް ރާއްޖެ އައިސްފައި މިވަނީ "ކޭޖީއެފް ޗެޕްޓަރ 2″ގެ މަސައްކަތް ނިންމާލުމަށްފަހު، އެ ފިލްމުގެ ޓީޒަރ ވެސް ބެލުންތެރިންނަށް ދައްކާލާފައި ވަނިކޮށެވެ. "ކޭޖީއެފް ޗެޕްޓާ 2″ ގައި އޭނާގެ އިތުރުން ސަންޖޭ ދަތު، ރަވީނާ ޓަންޑަން، ސްރީނިދީ ޝެޓީ އަދި ޕްރަކާޝް ރާޖް ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.
2018 ވަނަ އަހަރު ނެރުނު "ކޭޖީއެފް ޗެޕްޓަރ 1″ ވެގެންދިޔައީ މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދި ކަންނަޑާ ފިލްމަށެވެ. އެގޮތުން ފިލްމު ރިލީޒްކުރި ދުވަހު އެކަނިވެސް 25 ކަރޯޑް ރުޕީސް މި ފިލްމުން ވަނީ ހޯދާފައެވެ. ޔަޝް ލީޑް ރޯލުން ފެނިގެންދިޔަ މި ފިލްމަކީ ސައުތު އިންޑިއަން އެކްޝަން ފިލްމުތަކަށް އިންގިލާބެއް ގެނުވި ފިލްމެކެވެ.