މިއަދަކީ ކޯވިޑްގެ ބަލިމަޑުކަމަށް އުންމީދު ގެނުވި ދުވަސް: ރައީސް

މިއަދަކީ ކޯވިޑްގެ ބަލިމަޑުކަމަށް އުންމީދު ގެނުވި ދުވަސް: ރައީސް

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2021 02:09
0

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތި އުނދަގޫ 10 ވަރަކަށް މަސްދުވަހަށް ފަހު، މިއަދަކީ މިބަލިން ސަލާމަތްވުމުގެ އުންމީދު އައުވެގެންދާ ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ރައްޔިތުންނާ ޙިއްޞާކުރެއްވައި ޤައުމާއި މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މިއަދަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސްކަމަށްވާއިރު، އެކަމަށްޓަކައި އެންމެ ފުރަތަމަވެސް اللهُ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރާކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތި އުނދަގޫ 10 ވަރަކަށް މަސްދުވަހަށް ފަހު، މިއަދަކީ މިބަލިން ސަލާމަތްވުމުގެ އުންމީދު އައުވެގެންދާ ދުވަހެއްކަމަށް ރައީސް ވިދާޅުވިއެވެ.

ވޭތުވެ ދިޔަ 10 މަސްދުވަހަކީ، ކޯވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރި ދުވަސްތަކެއް. އެތައް ބައެއްގެ ވަޒީފާ ގެއްލުނު. އެތައް ޢާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ. ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި. މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު. ޢާއިލާތަކުގެ މެމްބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެން ޖެހުނު. ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރި.

– ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޯވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މިބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަކަން ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ޤައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވެކްސިން ލިބުނަސް ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަމަލުކޮށް، ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ، ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވާލެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއްކަމަށެވެ. އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.