ބޭނުންވާ ބަދަލު ގެނައުމަށް މިހާރު މަދުވަނީ ހަމައެކަނި ކައުންސިލް: ހަލީމް

ބޭނުންވާ ބަދަލު ގެނައުމަށް މިހާރު މަދުވަނީ ހަމައެކަނި ކައުންސިލް: ހަލީމް

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2021 10:51
0

އެމްޑީޕީން ރާއްޖެއަށް ގެނަން މަސައްކަތް ކުރާ ބަދަލު ގެނައުމަށް މިހާރު މަދުވަނީ ހަމައެކަނި ކައުންސިލްތައް ކަމަށާއި، މިފަހަރުގެ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމުން ގެންނަން ބޭނުންވާ ބަދަލު ގެނައުމަށް ވަރަށް ބޮޑުތަނުން ފަސޭހަ ވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދިންބިލޭ) ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ބަދަލުތަކާއި، ގެންނަން ބޭނުންވާ ތަރައްޤީގެ ކަންކަން ކުރުމަށް ކައުންސިލް އިންތިޚާބަކީ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލް ކުރުމަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމުގައި ކައުންސިލް އިންތިޚާބު ކާމިޔާބް ކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމަށް ހަލީމް ވިދާޅުވިއެވެ.

މި އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމާއިއެކީގައި، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީން މި ދައްކަމުން އަންނަ ވާހަކަތައް ކާމިޔާބު ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެންދާނެ. އަދި އަޅުގަނޑުމެންނަށް މުޅިއަކުން ސެޓެއް ހަމައެއްނުވޭ. ސެޓު ހަމަވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި، ރައްޔިތުންގެ މަޖިލިސްއާއި، އޭގެ އިތުރަށް ކައުންސިލް ތަކުގެ އިންތިޚާބު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވުނީމަ. މިހާރު އަޅުގަނޑުމެން ބޭނުންވާ ބަދަލު ގެނަމުގައި މަދުވަނީ އަޅުގަނޑުމެން އަތުގަި ކައުންސިލް.

– ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ޕްރޮޖެކްޓް ހިންގައިގެން ވޯޓުދޭނަމަ ދޭންޖެހޭ ޕާޓީއަކީ އެމްޑީޕީކަމަށެވެ. އެމްޑީޕީން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢުތަކެއް ހިންގާއިރު، މިކަންކަމަކީ ރައްޔިތުންވެސް ނުހަނު އުފަލާއިއެކު ބަލައިގަންނަ ކަމެއްކަމަށް ހަލީމް ވިދާޅުވިއެވެ. އިންތިޚާބުގައި ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނަން ނަގާ މައްސަލާގައި ހަލީމް ވިދާޅުވީ މެމްބުން ގިނަ ޕާޓީއަކުން، އަދި ގިނައިން ކުރިމަތިލާފައިވާ ޕާޓީއަކުން ނަން ނަގާލެއްވެސް އިތުރުވާނެކަމަށެވެ.

މިރަށުގައި ގިނައިން މަރުވާނީވެސް އެމްޑީޕީ މެމްބަރުން. އެހެންވީމާ 1،000 ކެންޑިޑޭޓުން އޮންނައިރު ނަގާ ކެނޑިޑޭޓުންވެސް އިތުރުވާނީ އަޅުގަނޑުމެންގެ. އެއީ ވަޒީފާއަކަށް ނުގޮސް މީހުންނަށް މިހެން މަޑުކުރަން ޖެހުނީމާ އުގަދޫވާނެ.

– ހަލީމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބްކުރުމުގެ މުހިންމުކަމަށް އެމްޑީޕީން ވާހަކަ ދައްކަމުންދާއިރު، އިދިކޮޅުން ބުނަމުންދަނީ ހުރިހަ ބާރެއް ރައްޔިތުން މިސަރުކާރަށް ދިނުމުންވެސް ރައްޔިތުންގެ ޖީބަށް އަދި އާންމު ދިރިއުޅުމަށް އައި ކުރިއެރުމެއް ނެތްކަމަށެވެ. އެތައް ބައެއްގެ ވަޒީފާގެއްލި، ޒަރޫޒީ ބޭނުންތަކަށް ބޭނުންވާ ތަކެތި ނުލިބި، ބޯހިޔާވަހިކަމާއި، އެނޫންވެސް ކަންކަން ހަމަނުޖެހި އެތައްބަޔަކު ދަތި ހާލުގައި ތިބިކަމީ މިއަދު ކަންބޮޑުކަމާއިއެކު ފާހަގަކުރަންޖެހޭ ކަމެއްކަމަށް އިދިކޮޅުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.