ޅ. ފެލިވަރު ބިންހިއްކުމާއި އެއްގަމުތޮށި ލުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި ހަވާލުކޮށްފިއެވެ.
މިގޮތުން މިމަސައްކަތް މިކުންފުންޏާއި ހަވާލުކުރުމަށް މިއަދު ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
މި މަޝްރޫޢުގެ ދަށުން، 40.780،179 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް ބިންހިއްކުމާއި، 9.218 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ބޭރުތޮށި ލުމާއި، 6.574 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ޖެހުމާއި، 8.264 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 466،2 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މިމަޝްރޫޢުގެ ބޭނުމަކީ ލަފާފުރޭ ބަނދަރަކާއިއެކު ކޯލްޑް ސްޓޯރޭޖް ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމެވެ. މި މަޝްރޫޢުގެ އަގަކީ 39.113 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ