އަދާލަތު ރައީސްކަމަށް އިމްރާން ކުރިމަތިލައްވައިފި

އަދާލަތު ރައީސްކަމަށް އިމްރާން ކުރިމަތިލައްވައިފި

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 01:02
0

އަދާލަތު ޕާޓީގެ މިހާރުވެސް ރައީސްކަން ކުރައްވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެޕާޓީގެ ރައީސްގެ މަޤާމަށް އަނެއްކާވެސް ކުރިމަތި ލައްވައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވިކަން ހާމަކޮށް އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސްކަމަށް ކުރިމަތި ލެއްވީ ޤައުމުގެ ހަލާތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ގިނަކަންތައްތަކެއް ފާހަގަވެފައިވާތީ އެކަންކަން ކުރުމަށް ކަމަށެވެ.

ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް ވާދަކުރުމަށް ނިންމައި އެމަޤާމަށް ކުރިމަތި ލައިފިން. މިގޮތަށް ނިންމީ ޤައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އަޅުގަނޑުގެ ދައުރު މުހިންމު ކަމަށް އަދާލަތު ޕާޓީގެ ގިނަ މެމްބަރުންނަށް ފާހަގަކުރައްވާތީ.

– އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް އިމްރާން ކުރިމަތި ލެއްވިއިރު، އެޕާޓީގެ ރައީސްކަމުގައި އިމްރާން ވަނީ ގިނަ ދައުރުތަކެއް ފުރުއްވާފައެވެ. އަދާލަތުގެ ރައީސާއި ނާއިބު ރައީސަކު ހޮވަން ބާއްވަނީ "ރިޔާސީ އިންތިހާބެ"ކެވެ. އެ އިންތިހާބު ބާއްވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެޕާޓީން ވަނީ ރައީސްކަމާއި ނާއިބް ރައީސްކަމަށް ކުރިމަތިލާނެ މުއްދަތު ހުުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބު ނުލިމުނުން މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެނުންނަށްވެސް ވާދަކުރެވޭ ގޮތް ހަދައި އިންތިޚާބަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދާލަތު ޕާޓީން ބުނީ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފަސްކޮށްފައިވަނީ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ޤަވާޢިދަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

މި އިޞްލާޙު ހުށަހެޅީ ޕާޓީ އިތުރަށް ހުޅުވާލައި އެންމެ އިސްސަފުގައި އަންހެނުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު އިތުރުކުރުމަށްކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި މި އިޞްލާޙު ހުށަހެޅީ ޕާޓީގެ އިސްސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ ޢިލްމުވެރިންގެވެސް މަޝްވަރާގެ މަތިންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.