ހަމަހަމަ ފުރުސަތުލިބޭ ގޮތަށް ގައިޑްލައިން ހަދައިފިނަމަ އިންތިޚާބް ބޭއްވުމުގެ ހުރަހެއް ނެތް: އިލެކްޝަން

ހަމަހަމަ ފުރުސަތުލިބޭ ގޮތަށް ގައިޑްލައިން ހަދައިފިނަމަ އިންތިޚާބް ބޭއްވުމުގެ ހުރަހެއް ނެތް: އިލެކްޝަން

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 12:37
0

ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތުލިބޭ ގޮތަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިން އެކުލަވާލައިފިނަމަ އިންތިޚާބު ބޭއްވުމަށް އެއްވެސް ހުރަހެއް ނެތްކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ކެމްޕެއިން ކުރުމަށާއި އެހެން ބައެއް ކަންކަމަށް ހުރަސްތަކެއް ހުރި ނަމަވެސް ލޯކަލް ކައުންސިލު އިންތިހާބު ބާއްވައިދޭން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އިލެކްޝަންސް ކޮމިޝަނުގެ ކިބައިން އެދިވަޑައިގަތުގާއި ގުޅިގެން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ މަޖިލީހުން މިއަދު އިންތިޚާބު ބޭއްވޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލާ ގައިޑްލައިން ހެދިގެންދާއިރު ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބިދޭ ގޮތަށް ގައިޑްލައިން އެކުލަވައިލައިފިނަމަ އިންތިޚާބު ބޭއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު އޮތް އިންތިޚާބު ބާއްވަން ކުރަންޖެހޭ މަސައްކަތް ކޮށް އިންތިޚާބު ބޭއްވުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ޤާނޫނީ ގޮތުން ހުރި ހުރަސްތައް ކުރިމަތި ނުވާނޭ ގޮތަށް އިންތިޚާބު ބޭއްވުމުގެ ޖާގަ ލިބިއްޖެނަމަ އިލެކްޝަނަށް އިންތިޚާބު ބޭއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ހަބީބު ވިދާޅުވިއެވެ.

އެޗްޕީއޭ އިން ގައިޑްލައިން ތައްޔާރުކޮށް އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަން ކޮމިޝަނަށް ދެއްވައި، ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުޞަތު އޮވެއްޖެނަމަ، އިންތިޚާބު ނުބޭއްވެންވީ އެއްވެސް ސަބަބެއް ނެތް. ވޯޓުލާންވީގޮތުގެ އިރުޝާދު އީސީ އިން ދެވެންވާނެ.

– ހަބީބު ވިދާޅުވިއެވެ.

އިންތިޚާބާއި ބެހޭ ޚާއްސަ ޤާނޫނަށް މިއަދު ގެނެސްފައިވާ ބަދަލުތަކާއިއެކު އިންތިޚާބު ބޭއްވުމަށް އެޗްޕީއޭގެ ފަރާތުން ކަނޑައަޅަންޖެހޭ ގައިޑްލައިން 7 ދުވަހުގެ ތެރޭގައި ހަދަން ޖެހޭނެއެވެ. އިންތިޚާބު ބޭއްވުމަށް ޤާނޫނުގައި ބުނާ ކަންކަން ފުރިހަމަ ނުވެ އިންތިޚާބު ބޭއްވިއްޖެ ކަމުގައިވާނަމަ އިންތިޚާބު ބާތިލު ކުރުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަން ކޮމިޝަނުން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް އިލެކްޝަން ކޮމިޝަނުން އެންމެ ބޮޑަށް ފާހަގަކުރަމުންދަނީ ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބި އިންތިޚާބު ބާއްވައިފިނަމަ ކޯޓުން އިންތިޚާބު ބާތިލުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެނައި މައިގަނޑު އިޞްލާހުތަކުގެ ތެރޭގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެ ޖާގަ ދިނުމާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު ގެނައުމާއި، އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅައި، އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.