ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް އިސްލާހު ގެނެސް ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
އިންތިޚާބާއި ބެހޭ ޚާއްސަ ޤާނޫނަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުތަކާއިއެކު މަޖިލީހުން ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރވި ވަޑައިގެންނެވި 38 މެމްބަރުންގެ ވޯޓުންނެވެ.
މިބިލުގެ ކޮމިޓީ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހުށަހަޅާއި، އެއްގަޑިއިރުގެ ބަހުސްއަށްފަހު ވޯޓަށް އަހައި ދައުރުން ބޭރުން ކުރިއަށް ގެންދިޔަ ޖަލްސާ މިހާރު ވަނީ ނިންމާލާފައެވެ. މަޖިލީހުގެ ބަހުސް މަރުހަލާގައި މެމްބަރުން ވަނީ އިންތިޚާބު ވީހާވެސް އަވަހަށް ބޭއްުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ.
ކޮމިޓީގެ މަރުހަލާގައި ބިލަށް ގެނެސްފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި އިންތިޚާބު މެއި މަހުގެ 10 ގެ ކުރިން ނުބޭއްވޭނެ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހެއެވެ. އިންތިޚާބާއި ގުޅޭ ޚާއްޞަ ޤާނޫނަށް އިޞްލާހު ގެނެސްފައި މިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޯވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޙާޒިރުކުރައްވާ މަޢުލޫމާތު އޮޅުންފިލުވާފައިވާއިރު، ކޮމިޝަންގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަމަޟާން މަހުގެ ތެރޭގައާއި، ސްކޫލް އިމްތިހާނުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވަން ޖެހުމެވެ. އެހެންވެއްޖެނަމަ އިންތިޚާބުގައި ވޯޓްލާ މީހުންގެ ޢަދަދު ދަށްވާނެކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން އިންތިޚަބު ފަސްކުރަންޖެހިއްޖެނަމަ އިންތިޚާބު ނުބޭއްވިދާނެކަމުގެ ބިރު އޮތްކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ޝަރީފް ވަނީ މުއްދަތު އިތުރުކޮށދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ކޮމިޓީގެ މެންބަރުން އެކަމަށް ދެކޮޅު ހައްދަވާ ކޮމިޓިން ނިންމެވީ ވަގުތީ ޤާނޫނުގައި ބުނާ 10 މެއިގެ ކުރިން މުއްދަތުގައި އިންތިޚާބު ނުބޭއްވިދާނެކަމުގެ ބިރު އޮވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެނައި މައިގަނޑު އިޞްލާހުތަކުގެ ތެރޭގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެ ޖާގަ ދިނުމާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު ގެނައުމާއި، އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅައި، އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އެގޮތުން މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ