މިއަހަރުގެ ފުރަތަމަ 17 ދުވަހު ރާއްޖޭން 50،000 އަށްވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާކިޔައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 50،611 ފަތުރުވެރިން އައިސްފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2،977 މީހުނެވެ.
މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 3 ވަނައަށް ވީ އާދީއްތަ ދުވަހުއެވެ. އެއީ 4،195 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެގިނައިން އައީ ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެގޮތުން ރަޝިޔާއަށް ނިސްބަތްވާ 12،029 ފަތުރުވެރިން ހޮނިހިރު ދުވަހުގެނިޔަލަށް ރާއްޖެއަށް ވަނި އައިސްފައެވެ. ދެވަނައަށް އެންމެގިނައިން ރާއްޖެއަށް އައީ އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެގައުމުން ހޮނިހިރު ދުވަހުގެ ނިޔަލަށް 8،042 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއައި އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ ގައުމުތައް:
1 ރަޝިއާ – 12،029
2 އިންޑިއާ – 8،042
3 ޔޫކްރައިން – 4،292
4 ކަޒަކިސްތާން – 2،318
5 ރޯމޭނިއާ – 2،030
6 ފްރާންސް – 1،745
7 އިނގިރޭސި ވިލާތް – 1،718
8 ޖަރުމަން – 1،488
9 އެމެރިކާ – 1،075
10 ސްވިޓްޒަލޭންޑް – 865
މިދިޔަ އަހަރުގެ ފުރަތަމަ 17 ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 17 ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 46.3 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 94،327 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓް ހައުސް ތަކުގެ އިތުރުން ސަފާރީ ތައް ހިމެނޭހެން ޖުމްލަ 585 ޓޫރިސްޓް ފެސިލިޓީ ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މި ހުރިހާ ޓޫރިސްޓް ފެސިލިޓީއެއް އެއްކޮށް 42،634 ޓޫރިސްޓް އެނދު މިހާރު ވަނީ ހިދުމަތަށް ނެރެވިފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ