މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު މަރުވި ބޮލީވުޑުގެ ލެޖެންޑަރީ އެކްޓަރ ރިޝީ ކަޕޫރު އެންމެ ފަހުން ކުޅެފައިވާ ފިލްމު "ޝަރުމާޖީ ނަމްކީން" ރިޝީގެ އުފަންދުވަހު، ސިނަމާގައި އެޅުވުމަށް ނިންމައިފި އެވެ.
"ޝަރުމާޖީ ނަމްކީން" ގެ ޝޫޓިންގ ނުނިމެނީސް ރިޝީ މަރުވެފައިވާތީ ފިލްމުގެ ބާކީ ހުރި ބައިގައި ރިޝީގެ ބައިތައް ކުޅޭނީ ޕަރޭޝް ރާވަލްއެވެ.
މި ފިލުމުގެ ޑައިރެކްޓަރ ހިތޭޝް ބާޓިއާ ބުނެފައިވަނީ މި ފިލުމު ރިޝީ ކަޕޫރުގެ އުފަންދުވަހު އެޅުވުމަށް ނިންމީ ރިޝީގެ ސަޕޯޓަރުންނާއި ރިޝީއަށް ދޭ ޓްރިބިއުޓްއެއްގެ ގޮތުގައި ކަމަށެވެ. ރިޝީގެ އުފަން ދުވަހަކީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
މި ފިލުމުގެ ބޮޑު ބައެއްގެ ޝޫޓިން ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު ދިއްލީގައި ނިންމާފަ އެވެ. އަދި ބާކީ ޝޫޓިންތައް ހަތަރު ވަރަކަށް ދުވަހުން ނިންމާލެވޭނެ ކަމަށް ވެސް ޕްރޮޑިއުސަރ ހަނީ ޓްރެހަން ވަނީ ބުނެފައެވެ.
ހަނީގެ އިތުރުން ފަރުޚާން އަޚްތަރުގެ އެކްސެލް އެންޓަރޓެއިންމަންޓުން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކުރާ މި ފިލްމަކީ 60 އަހަރުގެ މީހެއްގެ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގައި ރިޝީގެ އިތުރުން ދެން ފެނިގެންދާނީ ޖޫހީ ޗަވްލާއެވެ.
ދެ އަހަރު ވަންދެން ކެންސަރު ބައްޔާއި ހަނގުރާމަ ކުރި ރިޝީ ވަނީ ނިއުޔޯކްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާފައެވެ. އޭނާ އަނބުރާ އިންޑިއާއަށް އައީ 2019 ވަނަ އަހަރުއެވެ.