ސަރުކާރުން އާޝޯހު ކަމާއިއެކު، އެކި އޭންގަލްތަކުން ބަލަމުންދަނީ ރައީސް ޔާމީންގެ ތަރައްޤީ ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުލޭގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައި ލެއްވުމަށް ރައީސް ޞާލިހު ކުރެއްވި ޒިޔާރަތާއި، އަދި ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި އެކި މަޝްރޫޢުތައް މިސަރުކާރުން ހުޅުވައި އެތަންތަނަށް ކުރައްވަމުންދާ ޒިޔާރަތްތަކަށް އިޝާރާތް ކުރައްވައެވެ. އަދި ދާދިފަހުން މާލޭގައި ހުޅުވި ސިންތަޓިކް ޓްރެކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ މިމަސައްކަތުގެ ފެށުމަކީ ރައީސް ޔާމީން އެޅުއްވި ބިންގާ ކަމަށެވެ.
ސަރުކާރު އާޝޯހްވެފައި، އެކި އޭންގަލްތަކުން ބަލަނީ ރައީސް ޔާމީންގެ ތަރައްޤީ. ބޭސްމަލަންކޮޅެއް އެޅުނަސް ސަރުކާރަށް ހީވަނީ އާ އުސްމިންތަކަކަށް ދެވުނީހެން. ރައީސް ޔާމީންގެ ސިންތެޓިކް ޓްރެކާ، ޒުވާނުންނަށް މުޅިރާއްޖޭގައި ހިންގެވި ޕޮރްގްރާމްތަކަކީ / ފެސިލިޓީތަކަކީ އަސްލު ބިންގާ.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
މާލޭގައި އެޅި ސިންތަޓިކް ޓްރެކް ހުޅުވާފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް އެޅި ސިންތަޓިކް ދެވަނަ ޓްރެކެވެ. ފުރަތަމަ ޓްރެކް އަޅާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައެވެ. ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދާއިރު، ތަރައްޤީގެ މަޝްރޫޢޫތައް ނުހިންގި ކުރީ ސަރުކާރުގައި ހިންގުނު މަޝްރޫޢުތަކާއި، މަަސއްކަތްތައް ނިންމައި ރިބަން ކެޑުން ނޫންކަމެއް މިސަރުކާރުން ނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަދި ރައީސް ޞާލިހުގެ ސަރުކާރުން ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލުމުންވެސް ފެނިގެންދަނީ ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވި ތަރައްޤީ ކަމަށާއި، މިސަރުކާރުން ރާއްޖެއަށް ގެނެސްދެއްވި ތަރައްޤީއެއް ރައްޔިތުންނަށް ނުފެންނަކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިސަރުކާރަކީ އަތްލެވޭ ތަރައްޤީ ދަންނަ ބައެއް ނޫންކަމަށާއި، މިސަރުކާރަކީ ހޮޅުއަށި ތަކުގައި ވާހަކަ ދައްކަން މޮޅު ބައެއްކަމަށެވެ.
ކޮމެންޓު ފޮނުވާ