އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ފްލެޓުތަކުގެ ބެލްކަނީ ރެއިލިންއާއި ކުޑަދޮރުތައް މަރާމާތުކުރަން ބޭނުންވާ ފަރާތްތަކުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
ފަހަކަށް އައިސް ފްލެޓުތަކުން ކުޑަކުދިން ވެއްޓޭ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12 ވަނަ ބުރިން ދެ އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވި ހާދިސާ ފާހަގަކޮށްލެވެއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ބެލްކަނީ ރެއިލިންއާއި ކުޑަދޮރު ފަދަ ތަންތަން މަރާމާތުކުރަން ބޭނުންވާ ފަރާތްތަކުން ގޫގަލް ފޯމެއް މެދުވެރިކޮށް މި މަހުގެ 30ގެ ނިޔަލަށް އެހީއަށް އެދި ހުށަހެޅޭނެ ކަމަށެވެ.
ހުށަހަޅާ ފޯމުތައް ދިރާސާކުރުމަށްފަހު، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ