ލާމަރުކަޒީ ބާރުތައް ކަނޑާލުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރުން އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރުމަށް ނަޝީދު ގޮވާލައްވައިފި

ލާމަރުކަޒީ ބާރުތައް ކަނޑާލުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރުން އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރުމަށް ނަޝީދު ގޮވާލައްވައިފި

Author
އަހުމަދު
05 އޮގަސްޓް 2026 02:15
0

ކައުންސިލްތަކުގެ ބާރުތައް ކަނޑާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވެސް އިދިކޮޅު އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުން ތިއްބެވީ އަމިއްލަފުޅަށް އެބޭފުޅުންގެ ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް ދެއްވައިގެން ކަމަށެވެ. އަދި އެކަމުގެ ހިތާމަ މިއަދު އެ މެމްބަރުން ކުރައްވަމުން ގެންދަވާ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލިސް މެމްބަރުންނަށް ފަހު މިހާރު މި ދަތުރު ޖެހިފައިވަނީ ޕީއެންސީގެ ކައުންސިލަރުންނަށް ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ސަރުކާރުން ކަނޑާލަމުންދާއިރު، އެކަމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ އެކު އިހުތިޖާޖު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރޭގެ ވަގުތެއްގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމާ ގުޅޭގޮތުން ވެސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ އިންތިޚާބު ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި ގަބޫލުކުރުން ކަމަށާއި، އެލްޖީއޭގެ އިންތިޚާބު ތާރީޚަށް ބާއްވަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.