އެމްޓީސީސީ މުވައްޒަފުންގެ ފްލެޓު މަޝްރޫއު އަލުން ފަށަނީ، ބިން ހޯދުމުގެ މަސައްކަތް ފަށައިފި

އެމްޓީސީސީ މުވައްޒަފުންގެ ފްލެޓު މަޝްރޫއު އަލުން ފަށަނީ، ބިން ހޯދުމުގެ މަސައްކަތް ފަށައިފި

Author
އަހުމަދު
20 އޮގަސްޓް 2026 02:54
0

އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ފެށި "ހިޔާ މަޝްރޫއު" އަލުން ފެށުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަޝްވަރާތައް އެޗްޑީސީއާ އެކު ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

މި މަޝްވަރާތަކުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ކުންފުނީގެ ބަޔާނުގައި ބުނެފައި ވަނީ، ކުރިން ފެށި މަޝްރޫއުގެ ދަށުން އަޅަން ނިންމި ޓަވަރުތައް ވުޖޫދަށް ނާދެވުމަކީ މުވައްޒަފުން އިންތިހާއަށް މާޔޫސްވި ކަމެއް ކަމަށާއި، މިއީ މުވައްޒަފުންގެ ހެވާއި ލާބައަށްޓަކައި ކޮންމެހެން ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ބޯޑާއި މެނޭޖްމަންޓުން ދެކޭ ކަމަށެވެ. އެމްޑީ ސައުދީގެ އިސްނެންގެވުމުގެ މަތިން މަޝްރޫއު އަލުން ފެށުމަށްޓަކައި ބިމެއް ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހަށް ހުށަހެޅުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިން ހަމަޖައްސައިދިނުމަށް އެދި އެޗްޑީސީއަށް ސިޓީ ފޮނުއްވާފައި އެވެ.

ކުންފުނީގެ އަމާޒަކީ ބިން ހަމަޖެހުމާ އެކު ވީހާވެސް އަވަހަކަށް މަޝްރޫއު ފެށޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެމްޓީސީސީގެ ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 14 ބުރީގެ ދެ ޓަވަރު އަޅައި، ޖުމުލަ 400 ފްލެޓު މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ރޭވި، މުޅި މަޝްރޫއަށް 439 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެއިރު ލަފާކުރެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.