އީރާނުގެ ދެ ޑިޕްލޮމެޓަކު ފްރާންސުން ބޭރުކޮށްލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ޖީން ނޮއެލް ބަރޯ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަރޯ ހާމަކުރެއްވި ގޮތުގައި، މި ދެ ޑިޕްލޮމެޓުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފްރާންސުން ފޮނުވައިލާނެއެވެ. މިއީ ފާއިތުވި ޖުލައި މަހުގެ 19 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގައި ތިބި ފަރަންސޭސި ދެ ޑިޕްލޮމެޓަކު ހިފަހައްޓައި، ބިރުދައްކައި، އަނިޔާކުރި މައްސަލައިގައި އަޅާ ރައްދު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަރަންސޭސި ހާރިޖީ ވުޒާރާއިން ބުނާ ގޮތުގައި، އީރާނުގެ ސަލާމަތީ ބާރުތަކުން ހިފަހައްޓާފައިވަނީ ފަރަންސޭސި އެމްބަސީގެ ކަލްޗަރަލް އެޓާޝޭ ހިމެނޭ ގޮތަށް ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނާ އެތައް ގަޑިއިރެއް ވަންދެން ސުވާލުކުރި އިރު، އޭގެ ތެރެއިން އެއް ބޭފުޅަކަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށާއި، މިއީ ޑިޕްލޮމެޓިކް އުސޫލުތަކާ މުޅިން ހިލާފު އަމަލެއް ކަމަށް ފްރާންސުން ވަނީ ބުނެފައެވެ.
ނަމަވެސް އީރާނުން ވަނީ އަނިޔާ ކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި އެ ދެ ބޭފުޅުންނާ ސުވާލުކުރީ މަދަނީ ޖަމިއްޔާތަކާ ގުޅިގެން އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. އަދި އެ ދެ ޑިޕްލޮމެޓުންނަށް އެނބުރި އީރާނަށް ނާދެވޭނެ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާއިން ފަރަންސޭސިވިލާތަށް އިއްޔެ ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ