ހިމަބިހި ފެތުރުން އިތުރުވެ، ޖުމްލަ އަދަދު 216 އަށް

ހިމަބިހި ފެތުރުން އިތުރުވެ، ޖުމްލަ އަދަދު 216 އަށް

Author
އަހުމަދު
11 އޮގަސްޓް 2026 07:36
0

ރާއްޖޭގައި ފެތުރެމުންދާ ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާއިރު، ފާއިތުވި ހަފުތާގައި އެކަނިވެސް 17 އާ ކޭސް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ ހަފުތާގައި ފެނުނު 17 ކޭހާ އެކު ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 216 އަށް އަރައިފައެވެ. މީގެ ކުރީ ހަފުތާގައި ފެނުނީ 13 ކޭހެވެ.

މި އަހަރުގެ މޭ މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް ފެށުމަށްފަހު، ދުވަހެއް ދުވަހަކަށް ދަނީ ކޭސްތައް އިތުރުވަމުންނެވެ. މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ދަނީ ކުރިއަށް ގެންދަމުންނެވެ. މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ޑޯޒްތައް ދާދި ފަހުން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 14,701 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.

"މީސްލްސް" ވައިރަހުން ޖެހޭ ހިމަބިއްޔަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ ގާތްކޮށް އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިމީހާގެ ފުށުން އެހެން މީހުންނަށް ވައިރަސް ފެތުރެނީ، ހަށިގަނޑުން ބިހި ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހި ނަގާތާ ހަތަރު ފަސް ދުވަސް ވަންދެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.