ޔޫގެންޑާގެ މިހާރުގެވެސް ރައީސް، ޔުވޭރީ މުސެވިނީ އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، 6 ވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންފިކަން އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
ފާއިތުވެދިޔަ 35 އަހަރު ދުވަހުވެސް ޔޫގެންޑާގެ ވެރިކަން ކުރަމުންދާ މުސެވިނީ އެގައުމުގެ ރިޔާސީ އިންތިޚާބު ކުރިކަން އެގައުކުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާއެކު، އިދިކޮޅު ލީޑަރު ބޮބީ ވައިންވަނީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކޮށް، ނަތީޖާ ގަބޫލު ނުކުރުމަށް އެގައުމުގެ ރައްތިތުންނަށް ގޮވާލައްވާފައެވެ.
ޔޫގެންޑާގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާއިން ދައްކާގޮތުގައި، ވޯޓުލީ މީހުންގެ 5.85 މިލިއަން ވޯޓު މުސެވިނީ ކާމިޔާބު ކޮށްފައިވާއިރު، މިއީ ވޯޓުލީ މީހުންގެ %58.64 ވޯޓެވެ. އަދި އިދިކޮޅު ކެޑިޑޭޓް ބޮބީ ވައިންއަށް ލިބިފައިވާ ކަމަށް ދައްކަނީ 3.48 މިލިއަން ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ %34.83 ވޯޓެވެ. ހޮނިހިރު ދުވަހުގެ ރޭ، ޔޫގެންޑާގެ ގައުމީ ޓީވީ މެދުވެރިކޮށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއިންތިޚާބުގައި ވޯޓު ލާފައިވާކަމަށް ދައްކަނީ ވޯޓު ހައްގުވާ މީހުންގެ %52 މީހުންނެވެ.
"އިލެކްޝަންސް ކޮމިންޝަނުން މި އިއުލާން ކުރަނީ…ރިޕަބްލިކް އޮފް ޔޫގެންޑާގެ އިންތިޚާބީ ރައީސަކީ ޔުވޭރީ މުސެވިނީކަމަށް،" ނަތީޖާ އިއުލާން ކުރަމުން، އިލެކްޝަންސް ކޮމިޝަންގެ ޗެއަރމަން، ފަނޑިޔާރު ސިމޮން މުގެންޔީ ބިޔަބަކާ ވިދާޅުވެފައި ވެއެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން، ޔޫގެންޑާގެ ކުރީގެ މަޝްހޫރު މިއުޒިކީ ފަންނާނު އަދު މިޙާރުގެ އިދިކޮޅު ލީޑަރު ބޮބީ ވައިންގެ ފަރާތުން މައުލޫމާތު ދީފައިވަނީ، އެގައުމުގެ އިލެކްޝަންސް ކޮމިޝަންނުން "ރައްޔިތުންގެ ނިންމުން ނިގުޅައިގެންފައި" ވާކަމަށެވެ.
"ޔޫގެންޑާގެ ގާނޫނީ އޮނިގަޑުގެތެރެއިން، މިނަތީޖާއަށް ޗެލެންޖް ކުރުމަށް އަހަރުމެންނަށް ދޮރުތަކެއް ހުޅުވިފައި އެބަވޭ. އަދި ނަތީޖާ ހިފައިގެން ޔޫގެންޑާގެ ސުޕްރީމް ކޯޓަށް ދިއުމަކީވެސް އަހަރުމެންނަށް އޮތް ފުރުސަތެއް،" އިންތިޚާބީ އޮފިޝަލެއްގެ ގޮތުން އިދިކޮޅު ލީޑަރު ބޮބީ ވައިން ތަމްސީލުކުރަމުންދާ ކަޓަނާ ވިދާޅުވިއެވެ. "ޔޫގެންޑާގެ ރައްޔިތުނަނަށް އަހަރުމެން ގޮވާލަނީ، ސާބިތުކަމާއެކު، މި ބަޢާވާތް ހުއްޓުވުމަށް ކުރެވެމުންދާ ހުރިހާ މަސައްކަތެއްގައިވެސް އަހަރެމެންނާ އެކީ ސާބިތުކަމާއެކު ދެމިތިބުމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވުމާއެކު، ޔޫގެންޑާގެ ރައްޔިތުންނާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން މުސެވިނީ ވަނީ، އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ކުރެވެމުންދާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ، "މި އިންތިޚާބު ވެގެންދާނީ، ޔޫގެންޑާގެ ތާރީޚުގައިވެސް ބޭއްވިގެން ދިޔަ އެންމެ މިނިވަން އިންސާފުވެރި އިންތިޚާބު ކަމުގައެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާންކުރެވިގެން ދިޔައިރު، އިދިކޮޅު ލީޑަރި ބޮބީ ވައިންވަނީ، ވެރިރަށް ކަންޕާލާގެ ރަށްބޭރުގައި ހުންނަ އޭނާގެ ގޭގައި ބަންދު ކުރެވިފައެވެ. އަދި ބޮބީ ވައިންގެ ޕާޓިން ވަނީ، އެގައުމުގެ ސަރުކާރުން އޭނާގެ ގެ ހިސޯރުކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް، ޔޫގެންޑާގެ ސަރުކާރުން ބުނެފައިވަނީ ސިފައިން އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދެމުންދަކަމަށް ބުނެފައެވެ.
ރައީސް ޔުވޭރީ މުސެވިނީއާ އެކޮޅަށް އިދިކޮޅު 10 ކެޑިޑޭޓުންގެ ވާދަކޮށްފައި ވެއެވެ. އެހެންނަމަވެސް، މުސެވިނީއާ ވާދަކުރެވޭ ވަރުގެ ދާއީދެއް އުފެއްދިފައިވަނީ ބޮބީ ވައިންއަށެވެ.
ޔޫގެންޑާގައި 35 އަހަރު ދުވަހުގެ ދިގު ވެރިކަމެއް ކުރަމުންދާ ޔުވޭރީ މުސެވިނީއާ ދެކޮޅަށް ބޮބީ ވައިންވަނީ، އެގައުމުގެ އެތަކެއް ޒުވާނުންގެ ބޮޑެތި އެއްވުންތައް ބާއްވާ، ޔުވޭރީ މުސެވިނީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާފައެވެ. އަދި ހުކުރުދުވަހު، ވައިން ވަނީ، މިއިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރުމަށް ޔޫގެންޑާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
"އަހަރެންނަށް ފުރިހަމަ ޔަގީންކަން އެބައެއް މި ޑިކްޓޭޓަރު ބަލި ކުރެވިއްޖެ ކަމަށް،" ޒުވާން އިދިކޮޅު ލީޑަރު ވައިން ހުކުރު ދުވަހު ވިދާޅުވެފައި ވެއެވެ. "ޔޫގެންޑާގެ ރައްޔިތުން މިވަނީ، ޚުދުމުޚްތާރު ވެރިކަމަކުން، ޑިމޮކްރަސީއަށް ވާސިލް ވުމަށް ވޯޓު ދީފަ. އެހެންނަމަވެސް ޔުވޭރީ މުސެވިނީ ދަނީ، މިއިންތިޚާބުގައި އޭނާ ކުރީގައި އޮތްކަން ހާމަކުރުމަށް މުޅިން ތަފާތު މަންޒަރެއް ދައްކަމުން."
އިންތިޚާބުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާން ކުރެވިގެން ދިޔައިރު، އިންތިޚާބު ކާމިޔާބު ކުރެވިގެންދާނީ، ޖުމްލަ ވޯޓުގެ %50 އަށްވުރެ މަތިން ވޯޓު ހޯދާ ކެނޑިޑޭޓެކެވެ.