ސައޫދީ، ތުރުކީ އަދި ޕާކިސްތާން ގުޅިގެން "މައްކާ ޑިފެންސް އެގްރީމަންޓް" ގައި ސޮއިކޮށްފި

ސައޫދީ، ތުރުކީ އަދި ޕާކިސްތާން ގުޅިގެން "މައްކާ ޑިފެންސް އެގްރީމަންޓް" ގައި ސޮއިކޮށްފި

Author
އަހުމަދު
07 އޮގަސްޓް 2026 10:51
0

ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ނަމުގައި ދިފާއީ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި އާއި ރަތްކަނޑުގެ ދަތުރުފަތުރަށް ބުރޫއަރައި، އީރާނަށް ވާގިވެރިވާ ޔަމަނުގެ ހޫތީންގެ ހަމަލާތައް ސައޫދީ އަރަބިއްޔާއަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ސަލާމަތީ ގުޅުންތައް ވަރުގަދަކުރުމަށް ސައޫދީން ދަނީ ފުޅާ މަސައްކަތްތަކެއް ކުރަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިހާރު އެމެރިކާއަކީ ދިފާއީ ކަންކަމުގައި ސައޫދީއަށް ފުރިހަމައަށް އިތުބާރު ކުރެވޭ ބައިވެރިއެއް ނޫނެވެ.

ސައޫދީ ޕްރެސް އޭޖެންސީ އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ، މި އެއްބަސްވުމުގެ ދަށުން ބައިވެރި ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ މުޅި އިއްތިހާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ބޭނުމަކީ ތިން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމުގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުން ކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެންނަމަވެސް، މި އެއްބަސްވުމަކީ ވަކި ގައުމަކާ ދެކޮޅަށް އަމާޒުކޮށްގެން ސޮއިކުރި އެއްބަސްވުމެއް ނޫން ކަމަށް ތުރުކީ ސަރުކާރުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އެކްސްގައި ވިދާޅުވި އެވެ. ސައޫދީން ވެސް ބުނެފައި ވަނީ މިއީ އަސްކަރީ މުއާހަދާއެއް ނުވަތަ މަޒުހަބީ ބްލޮކެއް އުފެއްދުމުގެ މަސައްކަތެއް ނޫން ކަމަށެވެ. ސައޫދީގެ ޑެޕިއުޓީ މިނިސްޓަރު ފޯ ޕަބްލިކް ޑިޕްލޮމަސީ ރާޔިދު ގްރިމްލީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ ހަތިޔާރުގެ ވާދަވެރިކަމަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މީގެ އަސްލު މަގުސަދަކީ ދެމެހެއްޓެނިވި ދިފާއީ ގާބިލުކަން ބިނާކުރުމެވެ. ސަރަހައްދުގެ އެއްވެސް ގައުމެއްގެ ސަލާމަތަށް މީގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ ދަނީ ސަރަހައްދީ ހަނގުރާމަ ފެށުނީއްސުރެ ތުރުކީ، މިސްރު އަދި ޕާކިސްތާނާ އެކު ގުޅުންތައް އިތުރަށް ބަދަހިކުރަމުންނެވެ. މި ގައުމުތަކުން އަންނަނީ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ވެސް މަސައްކަތްކުރަމުންނެވެ.

ބާމިންގްހަމް ޔުނިވަސިޓީގައި ސައޫދީ ހާރިޖީ ސިޔާސަތު ދިރާސާކުރައްވާ ތަޖުރިބާކާރު އުމަރު ކަރީމް ވިދާޅުވި ގޮތުގައި، ރަސްމީ ބަޔާންތަކުގައި ބުނާ ބަހަކުން ބުނި ނަމަވެސް، ހަގީގަތުގައި މި އިއްތިހާދު އެކުލަވާލީ އީރާނަށް އަމާޒުކޮށްގެންނެވެ. ގަލްފު ސަރަހައްދުގައި އީރާނުގެ ނުފޫޒު ފެތުރުމަށް ކުރާ މަސައްކަތްތަކަށް ރައްދު ދިނުމުގެ ބޭނުމުގައި އެކުލަވާލި މި އިއްތިހާދުގައި ތުރުކީ އާއި ޕާކިސްތާނަކީ އީރާނާ އިންވެގެން އޮންނަ ދެ ގައުމުކަމުން، ތަފާތު ގޮތްގޮތުން އީރާނަށް ޕްރެޝަރު ކުރުމުގެ ގާބިލުކަން އެ ދެ ގައުމަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައޫދީ އަސްކަރިއްޔާ އާއި ސަރުކާރާ ގުޅުންހުރި މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމާ މެދު ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވިފައި އޮތް ނަމަވެސް، "ސަރަހައްދަށް އައި ފަހުގެ ބަދަލުތަކުގެ ސަބަބުން" އެއްބަސްވުމުގައި ސޮއިކުރުން އަވަސްވެގެންދިޔައީ އެވެ. ކިންގްސް ކޮލެޖް ލަންޑަންގެ އެންޑްރިއަސް ކްރީގް ދެކިވަޑައިގަންނަވާ ގޮތުގައި، މި އެއްބަސްވުމުން ދޭހަވަނީ އެމެރިކާގެ އިތުރުން އެހެން ބައިވެރިންނާ އެކު ވެސް ދިފާއީ ގުޅުންތައް ފުޅާކުރުމަށް ސައޫދީގައި އޮތް ޝައުގުވެރިކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.