ގެއްލުނު ތިން މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފި

ގެއްލުނު ތިން މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފި

Author
އަހުމަދު
07 އޮގަސްޓް 2026 03:29
0

"ފްރެންޑް 4″ ދޯނި އަޑިއަށް ގޮސް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފި އެވެ.

ލާމު އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި މި ދޯނިން ގެއްލުނީ ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން އާއި ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ފުލުހުންގެ އޮފިސަރު އަލީ ނާފިއު އަދި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދެވެ.

އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، ފުލުހުންނާ ގުޅިގެން ހިންގަމުންދާ މި އޮޕަރޭޝަނުގައި އިއްޔެ އެކަނިވެސް ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވެ އެވެ. މި މަސައްކަތުގައި ބޭނުންކުރެވުނީ މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯނެވެ.

ހަމައެއާއެކު، ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވާއިރު، މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތަކާއި ސީ އެމްބިއުލޭންސް "SA038″ އަދި "SA037″ގެ އިތުރުން ފުލުހުންގެ ލޯންޗުތައް ބޭނުންކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތިން ދުވަސް ވެގެންދިޔައިރުވެސް ގެއްލުނު އެއްވެސް މީހެއްގެ ހަބަރެއް އަދި ވެފައި ނުވާކަމަށާއި، ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.