ހަސީނާގެ ދިއްލީ ބައްދަލުވުމާ އިންޑިއާ ދުރަށް، ތާއީދެއް ނެތްކަން ހާމަކޮށްފި

ހަސީނާގެ ދިއްލީ ބައްދަލުވުމާ އިންޑިއާ ދުރަށް، ތާއީދެއް ނެތްކަން ހާމަކޮށްފި

Author
އަހުމަދު
04 އޮގަސްޓް 2026 07:12
0

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މި ހަފުތާގައި ނިއު ދިއްލީގައި ބާއްވަވާ މީޑިއާ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އެ ބައްދަލުވުމުގައި ދައްކަވާ އެއްވެސް ވާހަކައަކަށް ސަރުކާރުން ތާއީދު ނުކުރާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

މިކަން ހާމަކުރައްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ވިދާޅުވީ، ހަސީނާ ބާއްވަވާ ވަރޗުއަލް ބައްދަލުވުމަކީ އަމިއްލަ މީޑިއާ އިދާރާއަކުން އިންތިޒާމުކުރާ ހަރަކާތެއް ކަމަށާއި، އެއީ ސަރުކާރާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ. ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބްގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ބަންގްލަދޭޝްގައި ހިނގި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ވެރިކަން ވެއްޓި، ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންނެވި ފަހުން ހަސީނާ ބާއްވަވާ ފުރަތަމަ މީޑިއާ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ހަސީނާގެ އިތުރުން އެކަމަނާގެ ދަރިކަލުން ސަޖީބު ވަޒީދު ޖޯއީ އާއި އަވާމީ ލީގުގެ އިސް ބައެއް ބޭފުޅުން ވާހަކަދައްކަވާނެ ކަމަށް ބެލެވެއެވެ.

ހަސީނާ އިންޑިއާގައި ހުންނަވައިގެން މިފަދަ ސިޔާސީ ހަރަކާތެއް ހިންގުމާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބޮޑުވަޒީރު ތާރިގު ރަހުމާންގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރު ވިދާޅުވީ، އިންޑިއާގެ ފަސްގަނޑުގައި ހުންނަވައިގެން ހަސީނާ މިފަދަ ހަރަކާތްތައް ހިންގުމަކީ ދެ ގައުމުގެ ދެމެދުގައި މިހާރު އަލުން އާލާވަމުން އަންނަ ގުޅުންތަކަށް ބުރޫއަރާފާނެ ކަމެއް ކަމަށެވެ.

އުމުރުފުޅުން 78 އަހަރުގެ ހަސީނާގެ މައްޗަށް ބަންގްލަދޭޝްގެ ހާއްސަ ޓްރައިބިއުނަލަކުން ވަނީ އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައެވެ. އެ ހުކުމަކީ 2024 ވަނަ އަހަރުގެ މުޒާހަރާތައް ހުއްޓުވުމަށް ހަސީނާގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ދަރިވަރުންތަކެއް މަރާލި މައްސަލައިގައި އިއްވި ހުކުމެކެވެ. ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ދަނީ ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް އިންޑިއާގައި ތަކުރާރުކޮށް އެދެމުންނެވެ.

ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެންދިޔަ ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު ބަންގްލަދޭޝްގައި އާ ސަރުކާރެއް އެކުލަވާލުމާއެކު ދެ ގައުމުގެ ގުޅުން އަންނަނީ އަލުން ބިނާވަމުންނެވެ. އެގޮތުން، ބޮޑުވަޒީރުކަމުގެ މަގާމާ ތާރިގު ރަހުމާން ހަވާލުވެވަޑައިގެންނެވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ލޯކްސަބާގެ ރައީސް އޯމް ބިރްލާ ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.