އީރާނަށް ޓްރަމްޕްގެ އިންޒާރެއް: މިއީ ހަނގުރާމައިން ސަލާމަތްވާން ލިބޭ އެންމެ ފަހު ފުރުސަތު!

އީރާނަށް ޓްރަމްޕްގެ އިންޒާރެއް: މިއީ ހަނގުރާމައިން ސަލާމަތްވާން ލިބޭ އެންމެ ފަހު ފުރުސަތު!

Author
އަހުމަދު
04 އޮގަސްޓް 2026 09:37
0

އީރާނަށް ދެމުންދާ ވައިގެ ހަމަލާތައް ހުއްޓާލައި، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ އީރާނަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަލުން ހަމަލާތައް ދޭން ފެށުމުގެ ކުރިން، އީރާނަށް އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ. "ވަރަށް ގިނަ ގައުމުތަކުން ގުޅާފައި މި މަޝްވަރާތައް ހިންގަނީ. އެކަމަކު މިކަން ނުކުރެވިއްޖެ ނަމަ، މިއީ ރަނގަޅު އެއްބަސްވުމެއްގައި ސޮއިކުރަން އީރާނަށް ލިބޭނެ އެންމެ ފަހު ފުރުސަތު،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދަނީ އީރާނުގެ އެދުމުގެ މަތިން، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ހާއްސަކޮށް ގަތަރުގެ އެހީތެރިކަމާ އެކުގައެވެ. "ވަރަށް ގިނަ ގައުމުތަކުން މިކަމަށް ތާއީދު ކުރޭ،" އޭނާ ވިދާޅުވިއެވެ.

ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރުމުގެ މައްސަލައާ ބެހޭގޮތުން ސުވާލު ކުރެއްވުމުން ޓްރަމްޕް ވިދާޅުވީ، އެ ކަނޑުއޮޅިން ދަތުރު ކުރުމަކީ ހިލޭ ކުރަން ޖެހޭ ކަމެއް ކަމަށާއި، އެއްވެސް ބަޔަކު ފީ ނަގާ ނަމަ އެމެރިކާއިން ވެސް ފީ ނަގާނެ ކަމަށެވެ. "އަހަރެމެންގެ ފުރިހަމަ ކޮންޓްރޯލް އެބައޮތް،" ޓްރަމްޕް ވިދާޅުވިއެވެ. އަދި ކަނޑުގެ ދަތުރުތައް މިނިވަންކަމާއެކު ދެމެހެއްޓުމުގެ ގާބިލްކަން އެމެރިކާއަށް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ކުރިން އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ އީރާނުގެ އިސްވެރިންނަކީ "ގަބޫލުކުރަން ދަތި މިންވަރަށް، މަކަރުވެރި އަދި ދެފުށްކެހެރި" ބަޔެއް ކަމަށް ސިފަކުރައްވާފައެވެ. މީގެ އިތުރުން، ފެބްރުއަރީ މަހު ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އީރާނުގެ ދެކުނުގެ ބަނދަރުތައް ބަންދުކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އެހެންނަމަވެސް، މި މަޝްވަރާތައް ސީދާ ހިނގަނީ ކިހިނެއް ކަން އަދި ސާފުވެފައެއް ނުވެއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އިސްމާއިލް ބަޣާއީ ވިދާޅުވެފައި ވަނީ، އެމެރިކާއާ އެކު ސީދާ މަޝްވަރާތަކެއް ނުހިނގާ ކަމަށާއި، މިހާރު އީރާނުން ދަނީ އޮމާން އަދި ސަރަހައްދީ އެހެން ގައުމުތަކާ އެކު ޑިޕްލޮމެޓިކް ގޮތްތައް ބަލަމުން ކަމަށެވެ. ބަޣާއީ ފާހަގަކުރެއްވި ގޮތުގައި، އޮމާންގެ މައިގަނޑު އަމާޒަކީ ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރު ކުރެވޭނެ ވަގުތީ ރައްކާތެރި މަގެއް ގާއިމް ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.