ހުޅަނގު ސަހާރާގެ މައްޗަށް މޮރޮކޯގެ ސިޔާދަތީ ބާރު އޮތްކަން އެމެރިކާއިން ބަލައިގަތުމުގެ ބަދަލެއްގެ ގޮތުން، މޮރޮކޯގެ އުތުރާއި ދެކުނު ގުޅުވައިދޭ 1،055 ކިލޯމީޓަރުގެ މައި ހައިވޭއަށް އެ ގައުމުގެ ރަސްގެފާނު މުޙައްމަދު ހަވަނަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ދެއްވައިފި އެވެ.
ކުރިން "ތިޒްނިތް-ދާޚްލާ" ހައިވޭގެ ނަމުން މަޝްހޫރުވެފައިވާ، އެއް ބިލިއަން އެމެރިކާ ޑޮލަރު (740 މިލިއަން ޕައުންޑް) ހޭދަކޮށްގެން ހަދާފައިވާ މި ސްޓްރެޓީޖިކް މަގުގެ ނަން ބަދަލުކުރި ޚަބަރު އެންމެ ފުރަތަމަ ހާމަކުރެއްވީ ޚުދު ޓްރަމްޕް، މިދިޔަ ހަފުތާ ބަންދުގައި "ޓްރުތު ސޯޝަލް" މެދުވެރިކޮށެވެ. އެ ވަގުތު މޮރޮކޯގެ ސަރުކާރުގެ ފަރާތުން ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، މިހާރު އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ޖުލައި 2 ވަނަ ދުވަހު ރަސްގެފާނު ޓްރަމްޕަށް ފޮނުއްވި ސިޓީފުޅު އާންމުކޮށްފަ އެވެ.
ރަސްގެފާނުގެ ސިޓީފުޅުގައި، "މޮރޮކޯގެ ސަހާރާގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ ބާރު އޮތްކަމަށް އެމެރިކާގެ ރައީސް ތާރީޚީ ގޮތުން ބަލައިގަތުން" ފާހަގަކުރައްވައި، ޓްރަމްޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައިވެ އެވެ. މީގެ އިތުރުން، ޓްރަމްޕްގެ ދެ ދައުރުގައި މޮރޮކޯ-އެމެރިކާގެ ގުޅުމަށް އައި ބަދަހިކަން ދުވަހަކުވެސް ފެނިފައި ނުވާ ފެންވަރެއްގައި ހުރި ކަމަށާއި، މި ނިންމުމަކީ ޖީލުން ޖީލަށް މޮރޮކޯގެ ރައްޔިތުންގެ ހަނދާނުން ފިލައިގެން ނުދާނެ ކަމެއް ކަމަށްވެސް ރަސްގެފާނު ވިދާޅުވެފައިވެ އެވެ.
މި ހައިވޭ ކަޑައްތުކުރަނީ، ހުޅަނގު ސަހާރާގެ ތެރެއިންނެވެ. އެ ސަރަހައްދަކީ ކުރިން ސްޕެއިންގެ އިސްތިއުމާރުގެ ދަށުގައި އޮވެ، މިހާރު އދ. އިން "އަމިއްލަ ވެރިކަމެއް ނެތް ސަރަހައްދެއް" ގެ ގޮތުގައި ކަނޑައަޅާފައިވާ، އެފްރިކާގައި ދިގު ދެމިގެންދާ އެންމެ ބޮޑު އެއް ހަމަނުޖެހުމުގެ މަރުކަޒެވެ. މޮރޮކޯއިން އެ ސަރަހައްދުގެ ބޮޑު ބައެއް އަތްދަށުލައިގެން ތިބި ނަމަވެސް، އެ ތަނުގެ އަސްލު ވަޒަންވެރިން ކަމަށްވާ ސަހްރާވީންގެ މިނިވަންކަމަށް މަސައްކަތްކުރާ "ޕޮލިސާރިއޯ ފްރަންޓް" އިން ބައެއް ބައިތައް ކޮންޓްރޯލް ކުރެ އެވެ. މޮރޮކޯއިން އެ ސަރަހައްދު ސިފަކުރަނީ "ދެކުނު ޕްރޮވިންސްތައް" ގެ ގޮތުގަ އެވެ.
2020 ވަނަ އަހަރު، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް މޮރޮކޯއިން އެއްބަސްވުމުގެ ބަދަލެއްގެ ގޮތުން، އެ ސަރަހައްދުގެ މިލްކުވެރިކަން މޮރޮކޯއަށް އޮތްކަމަށް އެމެރިކާއިން ފުރަތަމަ ބަލައިގަތެވެ. މިހާރު އިނގިރޭސިވިލާތާއި ސްޕެއިން ފަދަ ޔޫރަޕްގެ ބައެއް ބޮޑެތި ގައުމުތަކުންވެސް، ފުރިހަމަ މިނިވަންކަން ނުދީ، ހުޅަނގު ސަހާރާއަށް އަމިއްލަ އިޚްތިޔާރުގެ ބައެއް ބާރުތައް ދިނުމަށް މޮރޮކޯއިން ހުށަހަޅާފައިވާ ޕްލޭނަށް ތާއީދުކުރެ އެވެ. އެފްރިކަން ޔޫނިއަނުން އެ ސަރަހައްދުގެ މިނިވަންކަން ބަލައިގަންނަ އިރު، ފެންނަ ނުފެންނަ ވޯޓަކާ ހަމައަށް ދިއުމަށް އދ. އިން ކުރަމުންދާ މަސައްކަތް އަދިވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
ހައިވޭގެ ނަން ބަދަލުކުރި ޚަބަރު ހިއްސާކުރެއްވި ޕޯސްޓުގައި މަގުގެ ވީޑިއޯއެއްވެސް ހިމަނުއްވަމުން ޓްރަމްޕް ލިޔުއްވީ، "އުންމީދަކީ ވަރަށް އަވަހަށް، ކޮންމެވެސް ދުވަހަކުން މި ބޮޑު ހައިވޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށްލުން،" މިހެންނެވެ.
ކޮމެންޓު ފޮނުވާ