ޕީއެންސީގެ ނައިބު ރައީސްކަމަށް ފަސް ބޭފުޅަކު ވާދަކުރައްވަނީ

ޕީއެންސީގެ ނައިބު ރައީސްކަމަށް ފަސް ބޭފުޅަކު ވާދަކުރައްވަނީ

Author
އަހުމަދު
01 އޮގަސްޓް 2026 10:02
0

ސަރުކާރު ހިންގާ ޕީއެންސީގެ ނައިބު ރައީސްކަމަށް ފަސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި ހޮވާ މި މަގާމަށް ކުރިމަތިލައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ އިތުރުން، ނިލަންދޫ ދާއިރާގެ މެމްބަރު ފާތުމަތު ސައުދާ އެވެ. މީގެ ތެރެއިން ސައީދާއި ޝުޖާއު އަދި މުންދު މިހާރު ވެސް ތިއްބެވީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ސަބަބު ބަޔާންކުރައްވަމުން ސައީދު ވިދާޅުވީ، ޕީއެންސީ އިތުރަށް ކުރިއަރުވައި، ރާއްޖޭގެ އެންމެ ވަރުގަދަ، އެންމެ އާރުލާ އަދި އެންމެ ހިދުމަތްތެރި ޕާޓީގެ ގޮތުގައި އެ ޕާޓީ ދެމެހެއްޓުމަކީ އޭނާގެ އަމާޒު ކަމަށެވެ. އޭނާއަކީ އެންމެ ފަހި އަދި އެންމެ ދަތި ހާލަތްތަކުގައި ވެސް، ދެގޮތެއް ނުވެ، ހިތްވަރާއި ސާބިތުކަމާއެކު ޕާޓީއަށް ހިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވެސް ސައީދު ފާހަގަކުރެއްވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ދެ ވަނަ ފަހަރަށް ވެސް އޭނާ އެ މަގާމަށް ހޮވަން ޖެހޭ ސަބަބުތައް ގިނަ އެވެ. ޕީޕީއެމްގެ ސަރުކާރު ނިމުމާއެކު ޕާޓީގެ "އަޑުގަދަ" ބޭފުޅުން ފިއްލެވި ދުވަސްވަރު، ޕާޓީގެ ރައީސާއެކު ސާބިތުކަމާއެކު ހުންނެވި މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމާއި، އިދިކޮޅުގައި އޮތް ދުވަސްވަރު އެމްޑީޕީއާ ދެކޮޅަށް އިސްވެ ނުކުންނެވުމަށް ފަސްޖެހިވަޑައިނުގަތުމާއި، މަގާމުގެ ދަހިވެތިކަމަށް ވުރެ ޕާޓީގެ މަސްލަހަތު އިސްކުރެއްވުމުގެ އިތުރުން، ޕާޓީގެ އާންމު މެމްބަރުންގެ ފޯނުކޯލުތަކަށް އެންމެ ގިނައިން ޖަވާބު ދެއްވި ބޭފުޅަކީ އޭނާކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

ޕީއެންސީގެ ނައިބު ރައީސް ހޮވާނީ ކޮންގްރެސްގައި ބައިވެރިވާ ޕާޓީގެ މަތީ މަޖިލީހުންނެވެ. ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން، ޕީއެންސީގެ ވެރިކަމެއް އޮންނަ އިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ޗެއާޕާސަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެކެވެ. އެހެންކަމުން، އަންނަ ކޮންގްރެސްގައި ޕާޓީގެ ރައީސާއި ޗެއާޕާސަން އިންތިހާބުކުރާކަށް ނުޖެހޭނެ އެވެ. ކޮންގްރެސްގައި އޮންނާނީ އެ ދެ މަގާމު ފިޔަވައި، ޕާޓީގެ އެހެން އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.