އެމްޑީޕީ ދެކޮޅު ރެސިޑެންސީ ޕްރޮގްރާމަށް ނަޝީދު ތާއީދު

އެމްޑީޕީ ދެކޮޅު ރެސިޑެންސީ ޕްރޮގްރާމަށް ނަޝީދު ތާއީދު

Author
އަހުމަދު
01 އޮގަސްޓް 2026 04:00
0

ސަރުކާރުން ތަޢާރަފުކުރި ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ލިބިދޭނެ ޕްރޮގްރާމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕްރޮގްރާމަށް ފާޅުގައި ތާއީދު ކުރައްވައިފިއެވެ.

ނަޝީދު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރެސިޑެންސީ ޕްރޮގްރާމަކީ ޢާންމު ފަތުރުވެރިކަމާ ތަފާތު، ތަފާތު ޢިޤުތިޞާދީ ފަރުދާތަކެއް ހުޅުވައިދޭނެ ޕްރޮގްރާމެކެވެ.

ނަޝީދު މި ޕްރޮގްރާމަށް ތާއީދު ކުރައްވާފައި މިވަނީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން މި ޕްރޮގްރާމް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި ވަނިކޮށެވެ. އެ ޤަރާރުގައި އެމްޑީޕީން ބުނެފައި ވަނީ، ރެސިޑެންސީ ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރު ބަލިކަށިވެ، ވަކި ދައުލަތެއް އުފެދުމުގެ ފުރުޞަތު ހުޅުވިދާނެ ކަމުގެ ކަންބޮޑުވުމެވެ.

ރެސިޑެންސީ ބައި އިންވެސްޓްމަންޓްގެ ނަމުގައި މި ޕްރޮގްރާމް ފުރަތަމަ ފަހަރަށް އިޢުލާނު ކުރީ މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމެއްގައެވެ. މި ޕްރޮގްރާމުގެ ދަށުން ދިވެހި ސަރުކާރާއި ދުނިޔޭގެ މަޝްހޫރު ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު ވަނީ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖޭގައި އިންވެސްޓްކުރާ ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމުގެ ޙައްޤު ދިނުމުގެ އިތުރުން، ރިއަލް އެސްޓޭޓް އިންވެސްޓްމަންޓަށް ދޮރުހުޅުވުމެވެ.

ސަރުކާރުން ދެކޭ ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން ދިރިއުޅެން އަދި އިންވެސްޓް ކުރަން އެންމެ ފަހި ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ފާހަގަކުރެވި، ބޮޑެތި ޢިޤުތިޞާދީ ބަދަލުތަކެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.