އޮސްޓްރޭލިއާގެ މަޝްހޫރު 'ބިޔޯން އަގެއިން' ބޭންޑުގެ މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އުބާ އިވެންޓްސްއިން އިންތިޒާމުކޮށްގެން މާދަމާ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ މި ޝޯ ކުރިއަށް ނުގެންދެވޭނެ ކަމަށް ޔޫތު އެމްޕަވަރމަންޓް މިނިސްޓްރީން އެންގީ އިއްޔެގެ ވަގުތެއްގައެވެ. މި އެންގުން އައިއިރު، ޝޯ ބޭއްވުމަށްޓަކައި ސްޓޭޖު ބަހައްޓައި، އެންމެ ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، 'ބިޔޯން އަގެއިން' އަކީ ދުނިޔޭގެ މަޝްހޫރު ބޭންޑު 'އައްބާ' ގެ އެންމެ ފާހަގަކޮށްލެވޭ ޓްރިބިއުޓް ބޭންޑެވެ. މިފަދަ ޝޯތަކާއި މިއުޒިކް މަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ ޝޯ މަނާ ކުރެވިގެން، މިޔުޒިކު މަނާކުރެވިގެން ނުވާނެ. ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގެން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، މިއީ ހުރިހާ ދިވެހިންގެ ރާއްޖެ،" ނަޝީދު ވިދާޅުވިއެވެ.
ޝޯ ކެންސަލްކުރި އިރު، މިކަމަށްޓަކައި ސްޕޮންސަރުން ހޯދައި، ފުޅާ ދާއިރާއެއްގައި އިޝްތިހާރުކޮށް، ގިނަ ޢަދަދެއްގެ ޓިކެޓު ވެސް ވަނީ ވިއްކާފައެވެ. އަދި ޝޯގައި ހުށަހަޅައިދިނުމަށްޓަކައި ބޭންޑުގެ މެންބަރުން ސިންގަޕޯ އެއަރލައިންސްގެ ފްލައިޓުގައި ރޭގެ ވަގުތެއްގައި ވަނީ ރާއްޖެ އައިސްފައެވެ.
ކޮމެންޓު ފޮނުވާ