ސައޫދީ ޢަރަބިއްޔާގެ ތެލުގެ ވަސީލަތްތަކާއި މުހިންމު ސަރަޙައްދުތަކަށް އިއްޔެ ދިން ޑްރޯން ހަމަލާތައް، ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ސައޫދީގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އެ ޤައުމުގެ އިރުމަތީ ޕްރޮވިންސާއި، ވެރިރަށް ރިޔާދާއި، ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް އިއްޔެ ފޮނުވާލި ޑްރޯން ހަމަލާތައް ވަނީ ނާކާމިޔާބުކޮށްލައިފައެވެ. އެ ހަމަލާތައް ފޮނުވާލައިފައި ވަނީ، ޢިރާޤުގައި ތިބެގެން ޢަމަލުކުރާ، އީރާނުން ވާގިވެރިވާ ޖަމާޢަތަކުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން ދިވެހި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި، މިއީ ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސިފަކޮށްފައިވެއެވެ. އަދި ސުލްޙައާއި އަމާންކަން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އަޅާ މިފަދަ ޢަމަލުތައް ހުއްޓާލުމަށް، ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.
ދިވެހި ސަރުކާރުން ވަނީ، ސައޫދީ ޢަރަބިއްޔާއާއެކު ރާއްޖެ ސާބިތުކަމާއެކު އޮންނާނެ ކަމަށާއި، އެ ޤައުމުގެ ސަލާމަތާއި އިސްތިޤުލާލު ރައްކާތެރިކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދު ކުރާނެ ކަމަށްވެސް ބުނެފައެވެ.
ސައޫދީއަށް މި ހަމަލާތައް އަމާޒުވެފައި ވަނީ، ދެ ހަފުތާއެއްހާ ދުވަހު އެމެރިކާއާއި އީރާނުން ބަދަލުކުރި ވަރުގަދަ ހަމަލާތައް މެދުކަނޑާލައިފައި ވަނިކޮށެވެ. އެމެރިކާއިން ހަމަލާތައް މެދުކަނޑާލުމާއެކު، އެމެރިކާއަށް ވާގިވެރިވާ ޤައުމުތަކަށް ދެމުން އައި ހަމަލާތައްވެސް ހުއްޓާލައިފައިވާ ކަމަށް ކުރިން އީރާނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ