ތަލަޕަތީ ވިޖޭ އާއި ވިޖޭ ސެތުޕަތީގެ ތަމަޅަ ފިލްމު "މާސްޓާ" ސިނަމާތަކުގައި އެޅުވީ މިދިޔަ ބުދަ ދުވަހުއެވެ. މި ފިލްމުވަނީ ކޮވިޑުގެ ޕެންޑަމިކުތެރޭގައި، ފިލްމު ރިލީސްކުރި ފުރަތަމަ ދުވަހު 40 ކަރޯޑް ރުޕީސް ހޯދައިގެން ބޮކްސް އޮފީހުގައި ރެކޯޑް ހަދާފައެވެ.
ފިލްމުގެ ކާމިޔާބާއެކު "މާސްޓާ" ގެ ހިންދީ ރިމޭކް ހެދުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. "ކަބީރް ސިންގް" ގެ ޕްރޮޑިއުސަރ މުރަދް ކެޓާނީ، އެންޑެމޯލް ޝައިން އިންޑިއާ އާ ގުޅިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުވާ މި ފިލްމުގެ ލިޔެކިއުންތަކުގެ މަސައްކަތް މިހާރު ނިމިފައިވިޔަސް ފިލްމުގެ ކާސްޓާއި އެހެނިހެން މައުލޫމާތު އަދި އިއުލާނެއްނުކުރެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި މިއަހަރު ފަހުކޮޅު ފިލްމުގެ މަސައްކަތްތައް އަމަލީގޮތުން ފެށޭނެއެވެ.
މުރަދް ވަނީ އެންޑެމޯލް ޝައިންގެ ޓީމާއެކު "މާސްޓާ"ގެ ޝޫޓިންގ ކުރިއަށްދިޔައިރު ޗެންނައިއަށް ގޮސްފައެވެ. އަދި އެތަނުން ފިލްމު ކަމުގޮސް ފިލްމުގެ ހިންދީ ރިމޭކްއެއް ގެނައުމުގެ ހިޔާލުއައީކަމަށް ރިޕޯޓްތައް ބުނެއެވެ.
#Master #MasterThirdLook pic.twitter.com/dLSpJQs0gL
— Vijay (@actorvijay) January 26, 2020
"މާސްޓާ" ސިނަމާތަކުގައި އެޅުވިތާ 24 ގަޑީރުތެރޭ 42 ކަރޯޑް ރުޕީސް ނުވަތަ 6.3 މިލިއަން ޑޮލަރު ލިބިފައި ވާއިރުު، ހަމައެކަނި ޓެމިލްނާޑޫއިންވެސް 24 ގަޑީރުތެރޭ 25 ކަރޯޑް ރުޕީސް ވަނީ ހޯދާފައެވެ. އަދި އިންޑިއާއިން ބޭރުގައި މި ފިލްމު އެޅުވި އޮސްޓްރޭލިއާ، ނިއުޒިލެންޑް، ސިންގަޕޫރު، މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން އެމެރިކާގައި ވެސް މި ފިލްމު ދަނީ ކާމިޔާބީ ހޯދަމުންނެވެ. އެގޮތުން ޔޫއޭއީ އާއި ސިންގަޕޫރުގައި މިވަގުތު އެއްވަނާގައި އުޅޭ ފިލްމަކީ "މާސްޓާ" އެވެ.
"މާސްޓާ" އަކީ ތަމިލް އިންޑަސްޓުރީގައި ޕެންޑަމިކުގެތެރޭ ސިނަމާގައި އެޅުވުމަށް ފެންނަކަމަށް ބުނި އެއް ފިލްމެވެ. އެގޮތުން މި ފިލްމު ވެގެންދިޔައީ ހީކުރިގޮތާއި އެއްގޮތަށް ސިނަމާތައް އަލުން ފުރާލަދިން، ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް އަލުން ފެށުމަށް ހިތްވަރުދިން ފިލްމަކަށެވެ.
ކޮމެންޓު ފޮނުވާ