ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ހައިޖީން އޮފިސަރުން ކަނޑައަޅާ، ގައިޑްލައިންތަކަށް އަހުލުވެރިކުރުމުގެ ބައްދަލުވުމެއް ބާއްވާފައެވެ.
ކުރިއަށް އޮތް ސީޒަނަށް ކުލަބުތަކުން ތައްޔާރުވަމުންދާއިރު، ޓީމުގެ ހުރިހާ ކަމެއްވެސް ހުރީ އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ ގޮތެއްގެ މަތިންތޯ ބަލާނެ ގޮތްތައްވެސް މި ބައްދަލުވުމުގައި ވަނީ ކިޔައިދީފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަރިތަކުރުންތައް ކުރިއަށްގެންދަން އެކުލަވާލި ގައިޑްލައިނުތަކަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތައް އަހުލުވެރިކޮށްފިއެވެ.
މި ބައްދަލުވުމުގައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ކުލަބުތަކަށް މައުލޫމާތު ދީފައިވާއިރު، ކުލަބު ލައިސަންސް އާއި ފައިނޭންޝަލް ރިޕޯޓިންގ އެސްޕެކްޓްސްއާ ބެހޭގޮތުންވެސް ކުލަބުތަކަށް ވަނީ މައުލޫމާތުދީފައެވެ.
FA Maldives today hosted a meeting of all Premier League Clubs to raise awareness on the Guidelines approved by Health Protection Agency for pre-season training. pic.twitter.com/bERtxtBL6u
— Football Association of Maldives (@MaldivesFA) October 10, 2020
މި މަހުގެ އެއްވަނަ ދުވަހު އެޗްޕީއޭއިން ވަނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދީފައެވެ. އަދި ބުރާސްފަތި ދުވަހު ޕަބްލިކް ހެލްތުގެ އޮފިޝަލުންނާއި، އެފްއޭއެމުގެ އޮފިޝަލުންނާއި، ކުޅިވަރާ ބެހޭ ވުޒާރާ އާއި ފުލުހުން އެކުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ނިއު ނޯމަލްގައި ފަރިތަކުރުންތައް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިން އެކުލަވާލައިފައެވެ.
ހޮނިހިރު ދުވަހުގެ ހަވީރު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ކޮވިޑް-19 އާ ގުޅިގެން އައު ސީޒަން ފެށުން ލަސްވެފައިވާއިރު، އަންނަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.