މާދަމާ ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބާއްވާ ހަރަކާތްތަކަށް ޖާގަ ދިނުމުގެ ގޮތުން މާލޭގެ ބައެއް ސަރަހައްދުތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލަން އެމްޓީސީސީން ނިންމައިފި އެވެ.
އެ ކުންފުނިން މިރޭ ނެރުނު އެންގުމެއްގައި ބުނީ، މާދަމާ ހެނދުނު 6 އިން އިރުއޮއްސި 6 އަށް، ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ އެންމެ ބާރުބޮޑު ދެ ރޫޓު ކަމަށްވާ އޯކިޑު ރޫޓު 10 އާއި އަމީނީ ރޫޓު 11 ގެ ބަހުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ. މި ދެ ރޫޓުގެ ދަތުރުތައް ހުއްޓާލައިގެން ތިބޭނީ ދުވާލުގެ ހަރަކާތްތައް އެއްކޮށް ނިމެންދެންނެވެ.
އަދި މާދަމާ އިރުއޮއްސި 6 އިން ފެށިގެން ރޭގަނޑުގެ ހަރަކާތްތައް ނިމެންދެން، ރޫޓު 2 އާއި ރޫޓު 8 ގެ ބަސްތައް ކާނިވާ ސަރަހައްދަށް ދަތުރުނުކުރާނެ ކަމަށް ވެސް އެމްޓީސީސީން ހާމަކުރި އެވެ. އޭގެ ބަދަލުގައި، އެ ދެ ރޫޓުގެ ބަސްތައް ދަތުރު ނިންމާލާނީ މާފަންނު ބަސް ޓާމިނަލަށެވެ. މާފަންނު ޓާމިނަލަށް ދާ މަގުމަތީގައި، އެ ދެ ރޫޓުގެ ބަސްތައް ރޫޓު 1ގެ ބަސް ހުއްޓިތަކުގައި މަޑުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފަހަރުގެ މިނިވަން ދުވަހުގެ ގިނަ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ ރޭގަނޑުގެ ވަގުތުގަ އެވެ. ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށޭނީ މާދަމާ ހެނދުނު 6 ޖަހާއިރު ޖުމްހޫރީ މައިދާނުގައި އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އެއަށްފަހު، ހެނދުނު 9 ޖަހާއިރު ޒުވާނުންގެ މަރުކަޒުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެ އެވެ. ރޭގަނޑު 8:30 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި، އެ ވަގުތުން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފް އާއި ސްކޫލުތަކުގެ ޕެރޭޑް ވެސް އޮންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މި ޝަރަފުވެރި މުނާސަބާގައި ބައިވެރިވެވަޑައިގަތުމަށް ބޭރު ގައުމުތަކުގެ އިސް ބޭފުޅުން ވެސް ރާއްޖެ ވަޑައިގެންފައިވެ އެވެ.
ކޮމެންޓު ފޮނުވާ