މަޖިލިސް ޗުއްޓީގައި އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަރަންޓީނަށް ބ.އަތޮޅަށް ފުރައިފިއެވެ.
މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ. ޗުއްޓީ ފެށުމާއިއެކު މަޖިލިސް ރައީސް ވަޑައިގެންނެވީ އެމަނިކުފާނު އާންމުކޮށް ޗުއްޓީއަށް ވަޑައިގަންނަވާ އިނގިރޭސި ވިލާތަށެވެ. އިނގިރޭސިވިލާތަކީ ދުނިޔޭގައި މިވަގުތު ކޯވިޑް އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ އަދި ކޯވިޑްގެ އާ ވައިރަސްވެސް އެންމެ ފުރަތަމަ ފެނުނު ޤައުމެވެ.
ރައީސް ނަޝީދު ޗުއްޓީއަށްފަހު އެބުރި ވަޑައިގެންފައިވަނީ މިއަދު އެވެ. އިނގިރޭސިވިލާތުން ވަޑައިގެންނެވުމަށްފަހު އެމަނިކުފާނުވަނީ ކަރަންޓީނުވުމަށްޓަކައި ބ. އަތޮޅުގެ ރިސޯޓަކަށް ފުރާ ވަޑައިގެންފައެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްވިސާގައި އަންނަ ފަރާތްތައް ކަރަންޓީން ވާންޖެހޭ ގޮތަށް އެޗްޕީއޭއިން ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިނގިރޭސިވިލާތުގައި އުޅެފައިވާ، އޭގެ ތެރޭގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުންވެސް ހިމެނޭހެން ރާއްޖެއަށް އަންނަ ދިވެހިންނާއި، ވާރކްވިސާގައި އަންނަ މީހުން ރާއްޖެއަށް އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީންކުރުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ. އަދި މި ފަރާތްތައް ރާއްޖެ އަންނަތާ 5 ދުވަހަށްފަހު، އަދި 10 ދުވަހަށްފަހު ވެސް ކޯވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭނެކަމަށް އެ އެޖެންސީން ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ރައީސް ރާއްޖެ ވަޑައިގެން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރައްވާއިރު، މަޖިލިސް މިއަހަރަށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގައެވެ. އެދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން މަޖިލީހުގައި އިއްވާނެއެވެ.
ކޮމެންޓު ފޮނުވާ