ސަރުކާރު ކުންފުނިތަކުން ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ އެމްޑީޕީން ޓްރައިބިއުނަލަށް ހުށަހަޅައިފި

ސަރުކާރު ކުންފުނިތަކުން ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ އެމްޑީޕީން ޓްރައިބިއުނަލަށް ހުށަހަޅައިފި

Author
އަހުމަދު
21 ޖުލައި 2026 02:38
0

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުހައްގުން ވަޒީފާއިން ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިހާރު ހުށަހަޅާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ 'ބޮޑު ބަދަލު' އޮފީހުގެ ޑިރެކްޓަރު ޖެނަރަލު ހަސަން ލަތީފް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ނުހައްގުން ވަޒީފާއިން ވަކިކުރި 65 މީހަކާ އެކު އެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން 37 މީހެއްގެ މައްސަލަ މިހާރު ޝަރީއަތުގައި އޮތް ކަމަށެވެ.

އެ މައްސަލަތަކުގައި ޝަރީއަތުގެ އަޑުއެހުންތަކަށް ދިއުމާއި، ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްގައި އެމްޑީޕީގެ ވަކީލުންގެ އިތުރުން، ބައެއް އަމިއްލަ ވަކީލުންގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަ ކަމަށާއި، ވަޒީފާއިން ވަކިކުރެވޭ މީހުންނަށް 24 ގަޑިއިރު ޖަވާބުދޭނެ ހެލްޕްލައިނެއް (7341637) ގާއިމުކޮށްފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ކުންފުނިތަކަށާއި ފިނޭންސް މިނިސްޓްރީއަށް، މިދިޔަ އެޕްރީލު މަހު އެންގުމަށްފަހު، އެކަން ފުރިހަމަކުރުމަށް ދީފައި ވަނީ ތިން މަހުގެ މުއްދަތެކެވެ.

މިކަމުގައި އެންމެ ބޮޑަށް ޒިންމާވާންޖެހެނީ ރައީސް މުހައްމަދު މުއިއްޒު ކަމަށާއި، ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވެސް ޒިންމާވާންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި މިހާ ގިނަ ރައްޔިތުންތަކަކަށް ދިމާވެފައިވާ ތަކުލީފުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ން ތަހުގީގެއް ހިންގައި، މަޖިލިސް މެދުވެރިކޮށްގެން ނަމަވެސް، އެކަން ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، 33 ޕަސެންޓު މުވައްޒަފުން މަދުކުރާ ނަމަ، 14،000އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހާ ގިނަ އަދަދެއްގެ ރައްޔިތުންގެ ހައްގަށް އަރައިގަންނަންވާނީ ދުރާލާ ޕްލޭންކޮށް، ވަޒީފާ ގެއްލޭ މީހުންނަށް އެހެން ގޮތްތަކެއް ހަމަޖައްސައިދީގެން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.