ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނު އިސްލާހު ކުރަން ދައުރުން ބޭރުން ބާއްވާ 2 ޖަލްސާގައި ސަރުކާރު ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަހުސް ފެށުމަށް އެޖެންޑާކޮށްފިއެެވެ.
މާދަމާ ޖަލްސާ ބޭއްވުމަށް މަޖިލީހުގައި އެޖެންޑާ ކޮށްފައިވަނީ 11 ޖަހާއިރަށެވެ. މާދަމާގެ ޖަލްސާގައި ބަހުސްއަށް އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަވާނެކަމަށް މިބިލްގެ ފުރަތަމަ ކިޔުން އިއްވެރޭ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިސް ނާއިބް ރައީސް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހަށް ހުށަހަޅާ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ތިން ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އެއަށްފަހު ކޮމިޓީ މަރުހަލާގެ މަސައްކަތަށްފަހު އަނެއްކާވެސް 3 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ތަޅުމަށް ބިލު ގެނެސް ތަޅުމުގައި ބަހުސް ކުރުމަށްފަހު ބިލަށް ވޯޓަށް އެހިގެންދާނެއެވެ.
މިބިލު ދިރާސާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ. މިދިޔަ އަހަރު މެއި 10 ގައި ފާސްކުރި ހާއްސަ ގާނޫނު އަލުން އިސްލާހު ކުރަން ސަރުކާރުން ނިންމީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަ އިންތިހާބު ބޭއްވުމަށް އެ ގާނޫނުން ޖާގަ ނުދޭތީ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ނުބޭއްވޭތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަންބޮޑުވުން ފާޅުކޮށް ގާނޫނު އިސްލާހު ކުރަން ވަނީ ގޮވާލައިފަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅި ބިލުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އިންތިހާބުގެ ކަންކަން ކުރަންވާނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށެވެ. އަދި އެ އުސޫލްތައް އާންމު ކުރަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
މީގެ ކުރިން އިންތިހާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހުކޮށް އެ މުއްދަތު 30 ދުވަހަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ކުރިން 10 ދުވަސް ލިބުނު ނަމަވެސް އެ މުއްދަތު ފަސް ދުވަހަށް ބަދަލު ކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި އެފަދަ އެހެން ޝަކުވާތައް ވެސް ކޯޓަށް ހުށަހެޅުމަށް އޮންނަ މުއްދަތު ވެސް ވަނީ ކުރުކޮށްލައިފަ އެވެ.
މީގެ އިތުރުން އިންތިހާބުގެ ރަސްމީ ނަތީޖާއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހަޅާ މައްސަލަތަކާ މެދު އެ ކޯޓުން 30 ދުވަސް ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ވެސް އިސްލާހުކޮށް 15 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ކޮމެންޓު ފޮނުވާ