ކ. ގިރިފުށީގައި ކުރިއަށްދާ ބިންހިއްކުމާއި ބަނދަރުގެ މަޝްރޫއުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސް ގިރިފުއްޓަށް ވަޑައިގަތީ، އެމްއެންޑީއެފްގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކޮށް ބަޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހުއެވެ. މަޝްރޫއުގެ ސައިޓަށް ޒިޔާރަތްކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް އޮޅުންފިލުއްވިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ރަސްމީކޮށް ފެއްޓެވީ ޖޫން 20 ގައެވެ. ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް، ސިފައިންނަށް ބޭނުންވާ ތަމްރީނުގެ ވަސީލަތްތައް ފުޅާކުރެއްވުމަށް ރައީސް އެކަށައަޅުއްވާފައިވާ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރެއިން މިއީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ސަރުކާރުން ސިފަކުރައްވައެވެ.
މަޝްރޫއު ނިމޭއިރު، ގިރިފުށީގައި މިހާރު އޮތް 5.7 ހެކްޓަރުގެ ބިމަށް އިތުރު 13.3 ހެކްޓަރުގެ ބިން އިތުރުވެ، ތަމްރީނުގެ ހަރަކާތްތަކަށް ބޭނުންކުރެވޭ ސަރަޙައްދު ބޮޑުތަނުން ފުޅާވެގެންދާނެއެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ތަރައްގީކުރެވިގެންދާނެއެވެ.
މުޅި މަޝްރޫއުގައި 375,512 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކުމާއި، 2,712 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 80 މީޓަރުގެ ގްރޮއިން ޖެހުމާއި، 101 މީޓަރުގެ ޝީޓް ޕައިލްގެ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު 101 މީޓަރުގެ އެއްގަމު ތޮށްޓާއި، 50 މީޓަރުގެ ބޭރު ތޮށްޓާއި، 144 މީޓަރުގެ ފެނުއަޑީގެ ހިލަތޮށްޓާއި، 1,135 އަކަ މީޓަރުގެ ޕޭވްމަންޓް އަދި ބްރިޖެއް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ. ބަނދަރުގެ ފަސޭހައަށް 40 މީޓަރާއި 12 މީޓަރުގެ ދެ ޖެޓީއާއި، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލެއް ތަރައްގީކުރެވޭނެއެވެ.
މި މަޝްރޫއު 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 182.79 މިލިއަން ރުފިޔާއަށެވެ. ގިރިފުއްޓަކީ އެމްއެންޑީއެފުން އަސްކަރީ ތަމްރީނުތަކާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސްގެ ކޭމްޕަށް ބޭނުންކުރާ ރަށެކެވެ.
ކޮމެންޓު ފޮނުވާ