ސައޫދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ފެހި ސިގްނަލް ދީފި

ސައޫދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ފެހި ސިގްނަލް ދީފި

Author
އަހުމަދު
16 ޖުލައި 2026 08:07
0

ސައޫދީ އަރަބިއްޔާއަށް 1.96 ބިލިއަން ޑޮލަރުގެ 'އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމްސް' (އޭޕީކޭޑަބްލިޔުއެސް) ވިއްކުމުގެ ހުއްދަ އެމެރިކާ ސަރުކާރުން ދީފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ޑީލްގެ ދަށުން ސައޫދީން ގަންނާނީ ވައިގެ މަގުން ވައިގެ އަމާޒުފަތްތަކަށް ހަމަލާދޭ 10،000 'ގައިޑަންސް ސެކްޝަން' އާއި ވައިގެ މަގުން ބިމުގެ އަމާޒުފަތްތަކަށް ހަމަލާދޭ އިތުރު 10،000 'ގައިޑަންސް ސެކްޝަން' އެވެ. މި މުއާމަލާތުގެ މައިގަނޑު ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ 'ބީއޭއީ ސިސްޓަމްސް' އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ފާހަގަކުރި ގޮތުގައި، ސައޫދީ އަރަބިއްޔާ އަކީ ނޭޓޯގައި ނުހިމެނޭ ނަމަވެސް ގަލްފު ސަރަހައްދުގެ ސިޔާސީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމަށް މަސައްކަތްކުރާ، އެމެރިކާގެ މުހިންމު ބައިވެރިއެކެވެ. އެހެންކަމުން މި ވިޔަފާރިއަކީ އެމެރިކާގެ ބޭރުގެ ސިޔާސަތަށާއި ގައުމީ ސަލާމަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެ ޑިޕާޓްމަންޓުން ސިފަކުރެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ސައޫދީ އަރަބިއްޔާއަށް މި ހަތިޔާރުތައް ލިބުމުން، މިހާރު ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ނުރައްކާތަކުން އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން އިތުރުވެ، އެ ގައުމުގެ ދިފާއީ ބާރު ވަރުގަދަވެގެންދާނެ އެވެ. އަދި ސައޫދީގެ އަސްކަރީ މަތިންދާބޯޓުތަކުގެ އޮޕަރޭޝަނަލް ފެންވަރު މަތިވެ، އެމެރިކާގެ އަސްކަރިއްޔާއާއި ސަރަހައްދީ އެހެން ބާރުތަކާއި ނޭޓޯގެ ފައުޖުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް ވެސް ފާހަގަކުރެ އެވެ.

މި ޕްރޮގްރާމް ތަންފީޒުކުރުމުގައި ސައޫދީއަށް އެހީތެރިވުމުގެ ގޮތުން، ފަންނީ ކަންކަމާއި ތަމްރީނާއި މަރާމާތުގެ މަސައްކަތްތަކަށް އެމެރިކާ ސަރުކާރާއި ކޮންޓްރެކްޓަރުންގެ 30 މަންދޫބުން ދިގު މުއްދަތަކަށް އެ ގައުމަށް ފޮނުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.