އާޖެންޓީނާ-އިންގްލޭންޑް މެޗު ބަލަން ނުކުމެ އަޑުގަދަނުކުރަން ފުލުހުން އިލްތިމާސްކޮށްފި

އާޖެންޓީނާ-އިންގްލޭންޑް މެޗު ބަލަން ނުކުމެ އަޑުގަދަނުކުރަން ފުލުހުން އިލްތިމާސްކޮށްފި

Author
އަހުމަދު
15 ޖުލައި 2026 09:23
0

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ އާޖެންޓީނާ އާއި އިންގްލޭންޑް ބައްދަލުކުރާ މެޗު ބަލަން ނުކުންނަ ސަޕޯޓަރުން، އެހެން މީހުންނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި އަޑުގަދަނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ފަށާ މި ފޯރިގަދަ މެޗާ ދިމާކޮށް ފުލުހުން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނުގައި ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ބަޔަކު އަރާމުކުރާ ވަގުތެއް ކަމަށްވާތީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އާންމު މަގުތަކުގައި އަޑުގަދަކުރުމުން ދުރުހެލިވުމަށް އެދޭ ކަމަށެވެ. ބާރަށް ލަވަޖެހުމާއި ސައިކަލު ބަރުގޮނު އެޅުން ފަދަ ކަންކަމުގެ ސަބަބުން އަވަށްޓެރިންނަށާއި ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އުނދަގޫވާނެ ކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އާޖެންޓީނާ ކުޅޭ ރޭތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ބޮޑު ސްކްރީންތައް ކައިރި ފުރާލާ ދިވެހިންނާއި ބިދޭސީ ސަޕޯޓަރުން ތިބޭއިރު، މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިވާ ގޮތަށް ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ. މީގެ އިތުރުން، މެޗު ނިމުމަށް ފަހު ބައިބަޔަށް އެއްވެ ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ވެސް ނުކުރުމަށް ފުލުހުން ވަނީ ގޮވާލައިފަ އެވެ. އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި، އަމާންކަން ގެއްލޭ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.

ދިފާއީ ޗެމްޕިއަން އާޖެންޓީނާ އާއި އިންގްލޭންޑް ބައްދަލުކުރާ މި މެޗު ކުޅޭނީ އެޓްލާންޓާ ސްޓޭޑިއަމްގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި، އަންނަ ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޔޫރަޕިއަން ޗެމްޕިއަން ސްޕެއިނާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.