ރަސްމީ ފާލަމާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމައިފި

ރަސްމީ ފާލަމާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމައިފި

Author
އަހުމަދު
15 ޖުލައި 2026 12:00
0

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނިގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ސަރަހައްދުގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ޓްރެފިކް ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. އަދި އޭގެ ފަހުން، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ވެސް ތާރު އަޅާ ނިންމާލާފައިވާއިރު، އެ ސަރަހައްދުގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޓްރެފިކް ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

މާލޭގެ ވިޔަފާރީގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމުގައިވާ ބޮޑުތަކުރުފާނު މަގުގައި ހިންގާ މި މަޝްރޫއުގެ ދަށުން، ބޭންކް އޮފް ސިލޯން ކައިރީގައި 588 ސައިކަލް ޕާކުކުރެވޭނެ ޕާކިން ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ ޕާކިން ޒޯންތަކާއި ދުވާރުތައް ހެދުމުގެ މަސައްކަތަށެވެ.

މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މަޝްރޫއު އެންމެ ފުރަތަމަ ނިންމުމަށް ތާވަލުކޮށްފައި އޮތީ މިއަހަރުގެ ޖޫން މަހަށެވެ. ނަމަވެސް، މަޝްރޫއަށް ދިމާވި ބައެއް ލަސްތަކާ ގުޅިގެން، މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިހާރު އެމްޓީސީސީން ލަފާކުރަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.