ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްގެ 19 ވަނަ އުފަންދުވަހުގެ އެންމެ ފުރިހަމަ ހަދިޔާއަކަށް ވާނީ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް، ޓީމު ފައިނަލަށް ގެންގޮސްދިނުން ކަމަށް އޭނާ ބުނެފިއެވެ.
އެމެރިކާގެ ޑަލަސްގައި ހުންނަ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ފޯވާޑް ބުނީ، އިއްޔެ ފާހަގަކުރި އުފަންދުވަހާ ގުޅިގެން މާ ގިނަ ހަދިޔާތަކެއް އަދި ލިބިފައި ނުވާ ކަމަށާއި، ހަގީގީ ހަދިޔާއަކީ އާދިއްތަ ދުވަހު ނިއުޔޯކްގައި އޮންނަ ފައިނަލުން ޖާގަ ހޯދުން ކަމަށެވެ.
"މާގިނަ ހަދިޔާތަކެއް ނުލިބޭ. އެންމެ ފުރިހަމަ ހަދިޔާއަކަށް ވާނީ އަންގާރަ ދުވަހުގެ މެޗުން މޮޅުވެ، ފައިނަލް މެޗު ކުޅެން ނިއުޔޯކަށް ދިއުން. އަހަރެން މި ޗެލެންޖު ގަބޫލުކުރަން،" ޔަމާލް ބުންޏެވެ.
މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅޭ ޔަމާލަށް މިހާތަނަށް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ. ލަނޑު ނުޖެހޭތީ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އަމިއްލަ ރެކޯޑުތަކާ މެދު ކަންބޮޑު ނުވާ ކަމަށާއި، މުޅި ޓީމުގެ ފޯކަސް ހުރީ ސްޕެއިން ފައިނަލަށް ގެންގޮސްދިނުމަށް ކަމަށް އޭނާ ބުންޏެވެ.
ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މި މެޗަށް ނުކުންނަ ސްޕެއިން، ފްރާންސް ދެކެ ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ޓީމު ނުކުންނަން ވާނީ ފުރިހަމަ އިތުބާރާއެކު ކަމަށް ވެސް ޔަމާލް ފާހަގަކުރިއެވެ.
މި ސެމީ ފައިނަލުން މޮޅުވާ ޓީމަކުން ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ އާޖެންޓީނާއާއެވެ.
ކޮމެންޓު ފޮނުވާ