އެމެރިކާގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ބަހްރެއިނަށާއި ގަލްފުގެ ޓޭންކަރުތަކަށް ހަމަލާދީފި

އެމެރިކާގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ބަހްރެއިނަށާއި ގަލްފުގެ ޓޭންކަރުތަކަށް ހަމަލާދީފި

Author
އަހުމަދު
14 ޖުލައި 2026 08:51
0

އެމެރިކާއިން ރޭ ފަތިހު އީރާނަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި، އީރާނުން ބަހްރެއިނަށާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ޔޫއޭއީއާ ގުޅުންހުރި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި އެވެ.

އީރާނާ ދެކޮޅަށް ދަތުރުފަތުރުގެ ބްލޮކޭޑެއް ގާއިމުކޮށް، ހޮރްމޫޒް ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކުން ފީ ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފެށި މި ހަމަލާތައް އަމާޒުކުރީ އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި މިސައިލް އަދި ޑްރޯން އުފައްދާ ސަރަހައްދުތަކުގެ އިތުރުން، ކަނޑުގެ އަސްކަރީ މަރުކަޒުތަކަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އާންމުންނަށާއި ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމުގެ އީރާނުގެ ގާބިލުކަން ދަށްކޮށްލުމުގެ ބޭނުމުގައި ހަމަލާތައް އަމާޒުކުރީ އަބޫ މޫސާ، ބަންދަރު އައްބާސް، ބުޝެހެރް، ޗަބަހާރް، ޖާސްކް އަދި ކޮނަރަކްގެ ވަށައިގެންވާ ސަރަހައްދުތަކަށެވެ.

"އަހަރެމެން މިދަނީ އެ މީހުންގެ ހަމަލާދިނުމުގެ ހުރިހާ ގާބިލުކަމެއް ނައްތާލަމުން. ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދައި، އަލުން ބްލޮކޭޑް ގާއިމުކުރަނީ. ދުނިޔޭގެ ވަރަށް މުއްސަނދި ސަރަހައްދެއް އަހަރެމެން މި ހިމާޔަތްކޮށްދެނީ. އެ ހިމާޔަތުގެ ބަދަލު ލިބެންޖެހޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ރައްދު ހަމަލާތަކުގައި، ޔޫއޭއީއާ ގުޅުންހުރި ދެ ޓޭންކަރަކަށް ކްރޫޒް މިސައިލްތަކުން ދިން ހަމަލާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، އިންޑިއާގެ ފަޅުވެރިއަކު މަރުވެ، އިންޑިއާގެ އިތުރު ހަ މީހަކާއި ޔޫކްރެއިންގެ ދެ މީހަކަށް އަނިޔާވި ކަމަށް ޔޫއޭއީން ބުނެ އެވެ. މި ހަމަލާގެ ޒިންމާ އުފުއްލެވި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ، ދިން އިންޒާރުތަކަށް ބޯނުލަނބައި މައިން ވަޅުލާފައިވާ ސަރަހައްދަކަށް އެ ޓޭންކަރުތައް ވަދެފައިވާ ކަމަށެވެ. ޔޫއޭއީން ވަނީ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސަރަހައްދާއި ރައްޔިތުން ރައްކާތެރިކުރަން ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އަލުން ފެށުނު މި ހަމަނުޖެހުންތަކާ އެކު، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި ހަމަލާތައް ކުޑަކުރުމަށް މިދިޔަ މަހު އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ވަގުތީ އެއްބަސްވުމަށް ވަނީ އިތުރު ހީނަރުކަމެއް އައިސްފަ އެވެ. ބްރެންޓް ކްރޫޑް ތެލުގެ ފީފާއެއްގެ އަގު 84 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައިވާއިރު، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި ތަކެތީގެ އަގުތަކަށް ކޮށްފާނެ އަސަރާ މެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.