ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަކީ އެމެރިކާގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެ ކޯޓާ ދެކޮޅަށް ފުޅާ ކެމްޕޭނެއް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިއްޔެ އިއުލާނުކޮށްފި އެވެ.
ވީޑިއޯ މެސެޖެއް މެދުވެރިކޮށް މިކަން އިއުލާނު ކުރައްވަމުން، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، އެ ކޯޓާ ދެކޮޅަށް ހާރިޖީ އަދި އިގްތިސާދީ ފިޔަވަޅުތަކެއް އެޅުމަށް ވޮޝިންޓަނުން ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން، ދުނިޔޭގައި ހިނގާ އެންމެ ބޮޑެތި ޖިނާއީ ކުށްތައް ބެލުމަށް ފުރަތަމަ ދުވަހު އައިސީސީއަށް ދީފައި އޮތް މެންޑޭޓު މިހާރު ދޫކޮށްލައި، އެ ކޯޓު މިހާރު ބަދަލުވެފައި ވަނީ "ހަރުކަށި އަދި ހައްދުފަހަނަޅާފައިވާ" ތަނަކަށް ކަމަށް އޭނާ ސިފަކުރެއްވި އެވެ. އެ ކޯޓުގެ ފަރާތުން އެމެރިކާގެ މުވައްޒަފުންނަށް ބިރު ދެއްކުމުގެ ފުރުސަތެއް ވެސް ޓްރަމްޕް ސަރުކާރުން ނުދޭނެ ކަމަށް ރޫބިއޯ ވިދާޅުވި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހަރުދަނާ ކުރަން ވިސްނަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުފަތުރު މަނާ ކުރުމާއި ވިސާ ބާތިލު ކުރުމުގެ އިތުރުން، އައިސީސީގެ އޮފިޝަލުންނާއި އެ ކޯޓާ ގުޅުން އޮންނަ ޖަމާއަތްތަކާ ދެކޮޅަށް މިހާރު ވެސް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާ ކުރުން ވެސް ހިމެނެ އެވެ. ހަމައެއާ އެކު، އެމެރިކާ ރައްޔިތުންގެ މައްޗަށް އައިސީސީގެ އެއްވެސް ބާރެއް ނުހިނގާނެ ކަމަށް އެއްބަސްވުމަށް ދުނިޔޭގެ އެހެން ގައުމުތަކުގެ މައްޗަށް ހާރިޖީ ފިއްތުންތަކެއް ކުރިމަތިކުރުވަން ވެސް ވޮޝިންޓަނުން ރާވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. "މި ކެމްޕޭނުގައި ހާރިޖީ ގޮތުން ކުރެވެން އޮތް އެއްވެސް މަސައްކަތެއް ދޫކޮށެއް ނުލާނެ،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވެ އެވެ.
ހަނގުރާމައިގެ ކުށްތަކާއި ނަސްލު ނައްތާލުމުގެ ކުށްތަކުގެ އިތުރުން، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ބެލުމަށް 2002 ވަނަ އަހަރު އުފެއްދި އައިސީސީގެ މެންބަރަކަށް އެމެރިކާ އެއްވެސް އިރެއްގައި ވެފައި ނުވެ އެވެ. ޓްރަމްޕް ސަރުކާރުން މި ފެށި ފިޔަވަޅުތަކަކީ އެ ކޯޓާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ދިގު މުއްދަތެއްގެ ސިޔާސަތުގެ ބައެކެވެ. ޚާއްސަކޮށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް މިދިޔަ އަހަރު އައިސީސީން ނެރުމާ ގުޅިގެން، އެ ކޯޓުގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ވަނީ އަޅާފަ އެވެ.
މި ކެމްޕޭނާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން އައިސީސީން ވަނީ ދެކޮޅު ހަދާފަ އެވެ.
ކޮމެންޓު ފޮނުވާ