ބަންގްލަދޭޝްގެ ގައިދީން އަނބުރާ ގައުމަށް ފޮނުވުމުގެ އެއްބަސްވުން އެންމެ ފަހު މަރުހަލާގައި

ބަންގްލަދޭޝްގެ ގައިދީން އަނބުރާ ގައުމަށް ފޮނުވުމުގެ އެއްބަސްވުން އެންމެ ފަހު މަރުހަލާގައި

Author
އަހުމަދު
12 ޖުލައި 2026 03:14
0

ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ އެ ގައުމަށް ގެންގޮސް ބާކީ އޮތް ހުކުމުގެ މުއްދަތު ފުރިހަމަކުރެވޭ ގޮތަށް ދެ ގައުމުގެ ދެމެދު އެކުލަވާލާ އެއްބަސްވުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ބަންގްލަދޭޝް ހައި ކޮމިޝަނުން ބުނެފި އެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރައިބިއުންގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން، މިދިޔަ ހުކުރު ދުވަހު ބަންގްލަދޭޝް ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މި އެއްބަސްވުމަށް އަވަސް ހައްލެއް ހޯދުމަށް ދެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފައެވެ. ބާކީ ފުރިހަމަކުރަން ޖެހޭ ގާނޫނީ އިޖުރާއަތުތައް ނިމުމުން ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރެވި، އޭގައި އަމަލުކުރަން ފެށޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު ގާނޫނީ އަދި އިންސާނީ ހައްގުތަކާ ގުޅޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވެ، ގައިދީންގެ ނަފުސާނީ ދުޅަހެޔޮކަމަށާއި އެ މީހުން އަލުން މުޖުތަމައަށް އަހުލުވެރި ކުރުވުމަށް މުހިންމު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބަންގްލަދޭޝުން ދެކޭ ކަމަށް ޑާކާ ޓްރައިބިއުނުން ބުނެއެވެ.

މި މަސައްކަތުގެ ދަށުން، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމްގެ އިސްނެންގެވުމުގެ ދަށުން، ހައި ކޮމިޝަނުގެ ވަފުދެއް ވަނީ މާފުށީ ޖަލަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި ބަންގްލަދޭޝްގެ 44 ގައިދީއަކާ ބައްދަލުކޮށް، އެ މީހުންގެ ހާލު ބަލާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. އޭގެ ތެރެއިން 34 މީހުންނަކީ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކެވެ. ބާކީ 10 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނެވެ.

ވަފުދުން ވަނީ ކޮންމެ ގައިދީއަކާ ވަކިވަކިން ބައްދަލުކޮށް، ޖަލުގެ މާހައުލާއި، ފޯރުކޮށްދޭ ބޭސްފަރުވާ، ކާބޯތަކެއްޗާއި ފޭރާން އަދި ނިދުމުގެ އިންތިޒާމުތައް ހުރި ގޮތް ބަލާފައެވެ. އެއަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ބައްދަލުކޮށް، ގައިދީންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމުގެ އިތުރުން، ގާނޫނީ ގޮތުން އެ މީހުންނަށް ލިބިދޭން ޖެހޭ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ވެސް ހައި ކޮމިޝަނުން އެދިފައިވާ ކަމަށް ޑާކާ ޓްރައިބިއުނުން ރިޕޯޓު ކޮށްފައިވެއެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.