ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރި އުޅަނދަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން އީރާނުގެ 140 އަސްކަރީ އަމާޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނިގޮތުގައި، މި ހަފުތާގައި ތިންވަނަ ފަހަރަށް ދިން މި ހަމަލާތަކުގައި އަމާޒުކުރީ އީރާނުގެ މިސައިލާއި ޑްރޯން ފޮނުވާ މަރުކަޒުތަކާއި، މުވާސަލާތީ ނެޓްވޯކްތަކާއި، އައްސޭރިފަށުގައި ފާރަވެރިވާ ސަރަހައްދުތަކަށެވެ.
މި ހަމަލާތައް ދޭން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް އެމެރިކާއިން ބުނަނީ، އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ސައިޕްރަސްގެ ދިދަ ޖަހާފައިވާ 'އެމް.ވީ ޖީ.އެފް.އެސް ގެލެކްސީ' ނަމަކަށް ކިޔާ އުޅަނދަށް ދިން ހަމަލާއެވެ. އެ ހަމަލާގައި އުޅަނދުގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދަތުރު ނުކުރެވޭ ވަރުވި އިރު، ފަޅުވެރިއަކު ވަނީ ގެއްލިފައެވެ. ޔޫ.ކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބުނިގޮތުގައި، ސަލާމަތްވުމަށްޓަކައި ފަޅުވެރިންނަށް ވަނީ އުޅަނދު ދޫކޮށްލަން މަޖުބޫރުވެފައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، އީރާނުން ނިންމީ ނުބައި ނިންމުމެއް ކަމަށާއި، މިހާރު އޭގެ އަގު އެ ގައުމުން ދައްކަން ޖެހޭނެ ކަމަށެވެ.
ރައްދުގައި އީރާނުން ވަނީ އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭހަށް ހަމަލާދީ، އެ ބޭހުގެ ކޮމާންޑް ސެންޓަރާއި ޑްރޯން ހޭންގަރުތައް ހަލާކުކޮށްލާފައެވެ. މީގެ އިތުރުން، ޔޫ.އޭ.އީ، ގަތަރު، ކުވެއިތު އަދި ބަހްރޭނަށް ވެސް އީރާނުން މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުން ސިފަކުރި ގޮތުގައި މިއީ ބަދަލުހިފުމުގެ "ފުރަތަމަ މަރުހަލާ" އެވެ.
ދެ ގައުމުގެ ދެމެދުގައި މި ފަހަރު ނުތަނަވަސްކަން ބޮޑުވެގެންދިޔައީ މި ހަފުތާގެ ކުރީކޮޅު މުދާ އުފުލި ތިން ޓޭންކަރަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ ހަމައެކަނި އެ ގައުމުން ހުއްދަދޭ މަގަކުން ކަމަށް އީރާނުން ވަނީ އިއުލާނުކޮށްފައެވެ. އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އެއްފަރާތުން ނިންމާ ނިންމުންތަކުގެ ޒަމާން މިހާރު ފާއިތުވެއްޖެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މި ހަމަލާތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ