އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރަސްމީ އީމެއިލް ސިސްޓަމް ހެކްކޮށް، އާޖެންޓީނާ ވޯލްޑް ކަޕުގައި މޮޅުވަމުންދަނީ ކޮރަޕްޝަނުން ކަމަށް ބުނާ މެސެޖުތަކެއް ބޭރު ދުނިޔޭގެ ނޫސްވެރިންނަށް ފޮނުވައިފިއެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރި ފަހުން، ރެފްރީގެ ނިންމުންތަކާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައި ވަނިކޮށެވެ. މި މެޗުގައި ރެފްރީ ޢަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހި، ފްރާންސްގެ ރެފްރީ ފްރާންސުވާ ލެޓެކްސިއޭ އާއި އޭނާގެ މުޅި ޓީމު މުބާރާތުން ވަކިކުރުމަށް ގޮވާލައި، މިޞްރުގެ ފުޓްބޯޅަ އިދާރާ އިން ވަނީ ފީފާއަށް ރަސްމީ ޝަކުވާއެއް ވެސް ހުށަހަޅާފައެވެ.
މި ނުތަނަވަސްކަމުގެ ތެރެއަށް އިތުރު ފިތުނައެއް ވަދެގެންދިޔައީ، އޭއެފްއޭގެ ރަސްމީ އެކައުންޓަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިންނަށް ކުއްލި ގޮތަކަށް މެސެޖުތަކެއް ފޯރި ހިސާބުންނެވެ. އެ މެސެޖުތަކުގައި ބުނެފައިވަނީ، ހަގީގަތުގައި އާޖެންޓީނާ މޮޅު ނުވާ ކަމަށާއި، ޓީމަށް މޮޅު ހޯދައިދިނީ "ކޮރަޕްޓް" ރެފްރީންގެ އެހީގައި ކަމަށެވެ.
ނަމަވެސް އޭއެފްއޭ އިން ވަނީ އެ މެސެޖުތަކަކީ އެ އިދާރާ އިން ފޮނުވި މެސެޖުތަކެއް ނޫން ކަމަށާއި، ބޭރުގެ ބަޔަކު ގަސްދުގައި އެ އިދާރާގެ އީމެއިލް ސިސްޓަމް ހެކްކޮށްގެން ފޮނުވި މެސެޖުތަކެއް ކަމަށް ބުނެ، އެ ވާހަކަތައް ދޮގުކޮށްފައެވެ. މި މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.
އަނެއްކޮޅުން، މެޗުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އާޖެންޓީނާގެ ކުޅުންތެރިން ނުވަތަ އެ ގައުމުގެ ފުޓްބޯޅަ އިދާރާ އިން ނަހަމަ އަމަލެއް ހިންގާފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެންމަތިވެފައި ނުވެއެވެ. ހަމައެއާއެކު، ރެފްރީގެ މައްސަލައާ ބެހޭ ގޮތުން ނުވަތަ އޭއެފްއޭގެ ސިސްޓަމް ހެކްކުރި މައްސަލައާ ބެހޭ ގޮތުން ފީފާ އިން މިހާތަނަށް އެއްވެސް ރަސްމީ ފިޔަވަޅެއް އަޅާފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ