ޕީއެންސީގެ އިންތިހާބުގައި %85 މެމްބަރުން ވޯޓުލުމަކީ ރައީސަށް އޮތް އިތުބާރުގެ ހެއްކެއް: އަބްދުއްރަހީމް

ޕީއެންސީގެ އިންތިހާބުގައި %85 މެމްބަރުން ވޯޓުލުމަކީ ރައީސަށް އޮތް އިތުބާރުގެ ހެއްކެއް: އަބްދުއްރަހީމް

Author
އަހުމަދު
11 ޖުލައި 2026 08:00
0

ވެރިކަން ކުރާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާން ޕާޓީގެ %85 މެމްބަރުން ނުކުތުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ހާމަކޮށްދޭ ހެއްކެއް ކަމަށް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މާލެއާއެކު ރާއްޖޭގެ 131 ރަށު ދާއިރާގައި ބޭއްވި މި އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. ހަވީރު 4:00 ގައި ވޯޓުލުން ނިންމާލިއިރު، 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން 3،500 ގޮނޑިއަކަށް ވާދަކުރެއްވިއެވެ. ވޯޓުލުމުގެ ހައްގު ލިބިވަޑައިގަތީ ޕާޓީގެ ގާތްގަނޑަކަށް 40،000 މެމްބަރުންނަށެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ޕީއެންސީގެ ޖަގަހަ ކުރިމަތިން ނޫސްވެރިންނާ ބައްދަލު ކުރައްވައި، ފޮނަދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ވޯޓުލުން ނިމުނުއިރު، 32،000 އާއި 33،000 އާ ދެމެދުގެ އަދަދަކަށް މެމްބަރުން ވޯޓުލާފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި މިހާ ގިނަ އަދަދެއްގެ މެމްބަރުން ވޯޓުލުމަކީ "ނާދިރު" ކަމެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

"މިއިން މި އެނގިގެން ދަނީ ކޮންގްރެސް ޕާޓީއާ މެދުގައި ރައްޔިތުންގެ ޝައުގުވެރިކަން އޮތް ވަރު. މި ޕާޓީގެ ސަރުކާރާއި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ އިތުބާރު އޮތް ވަރު މިއިން މި ދައްކައި ދެނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއްގެ ގޮތުގައި ވެސް މި ނަތީޖާ އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ތާއީދު ވެސް މީގެން ސާފުވާ ކަމަށް ވިދާޅުވިއެވެ.

އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށް ދިޔަ ކަމަށްޓަކައި ޕާޓީގެ މެމްބަރުންނަށާއި ކެންޑިޑޭޓުންނަށް އަބްދުއްރަހީމް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. މީގެ ކުރިން ބައެއް ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ފޮށި ވަގަށް ނަގައި، ފޮށިތައް ފަޅާލި ފަދަ ހާދިސާތައް ހިނގާފައި އޮތް ނަމަވެސް، ޕީއެންސީގެ އިންތިހާބުގައި އެފަދަ އެއްވެސް ކަމެއް ދިމާނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އިންތިހާބާއެކު ޕާޓީގައި އިންތިހާބުކޮށްފައި ތިއްބެވި ބޭފުޅުންގެ އަދަދު 3،500 އަށް އަރާނެ ކަމަށާއި، އެ އަދަދުގައި ރަށްރަށުގައި ތިއްބެވި ޕީއެންސީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ހާސިލްކޮށްފައި ނުވާ އަދަދެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މި ކާމިޔާބީ ހާސިލްކުރެވުނީ ޕާޓީގެ ރައީސް، ރައީސް ޑރ. މުއިއްޒު މިކަމަށް ދެއްވި ސަމާލުކަމާއި، ޕާޓީއަކީ މެމްބަރުންގެ ޕާޓީއެއް ކަން އިހްސާސްވާ ގޮތަށް ޕާޓީ ބައްޓަން ކުރައްވަމުން ގެންދަވާ ދިއުމުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.