ދުނިޔޭގައި އެއިޑްސް، ޓީބީ އަދި މެލޭރިއާއާ ދެކޮޅަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމްއިއްޔާ ކަމަށްވާ ގްލޯބަލް ފަންޑުގެ ބޯޑު މެންބަރުކަން ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ހާމަކުރި ގޮތުގައި، މިހާރު ޖެނީވާގައި ކުރިއަށްދާ ގްލޯބަލް ފަންޑުގެ 55 ވަނަ ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ މެންބަރުގެ ގޮތުގައި ރާއްޖެ ހޮވިފައިވަނީ ބައިނަލްއަގުވާމީ ސިއްހީ ދާއިރާގައި ރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާ ގުޅިގެންނެވެ. ސިއްހީ ވުޒާރާއިން ބުނާގޮތުގައި، މި މަގާމަކީ ދުނިޔޭގެ ސިއްހީ ސިޔާސަތުތައް ބައްޓަންވެގެންދާ ގޮތާމެދު ރާއްޖެއިން ބަސްބުނުމުގެ ފުރުސަތު ފަހިވެގެންދާ ކުރިއެރުމެކެވެ.
ބޯޑުގައި ރާއްޖެ ތަމްސީލުކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ މުޅި ސަރަހައްދުގައި ސިއްހީ ހަމަހަމަކަން ގާއިމުކުރުމަށާއި، ދެމެހެއްޓެނިވި ސިއްހީ ނިޒާމުތައް ބިނާކުރުމަށެވެ. އަދި އެޗްއައިވީ، ޓީބީ އަދި މެލޭރިއާ ކޮންޓްރޯލްކޮށް ނައްތާލުމަށް ސަރަހައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ އެއްކޮށް ފެތުރުން ހުއްޓުވުނު ދުނިޔޭގެ ފުރަތަމަ ގައުމަކީ ރާއްޖެއެވެ. މި ތާރީޚީ ކާމިޔާބީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ރަސްމީކޮށް ބަލައިގަނެފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުއެވެ.
ޖުލައި 9 އިން 10 އަށް ޖެނީވާގައި ބޭއްވި ބޯޑު ބައްދަލުވުމަށްފަހު ގްލޯބަލް ފަންޑުގެ 56 ވަނަ ބޯޑު ބައްދަލުވުން ބާއްވަން ތާވަލުކޮށްފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުއެވެ.
ކޮމެންޓު ފޮނުވާ