ވިއެޓްނާމްގެ ފޫ ކުއޮކް އައިލެންޑް ކައިރީ ދަތުރުކުރި ފަތުރުވެރިންގެ ބޯޓެއް ބަންޑުންޖަހާލައި، އިންޑިއާގެ 15 މީހަކު މަރުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާ ދިމާވީ، "ހޮން މޭ ރޫޓް އެންގޯއީ" ރަށުން ފުރައިގެން "އޭން ތޯއީ" ބަނދަރަށް ދަތުރުކުރަމުންދަނިކޮށް ކަނޑުގަދަވެ، ވައި ބާރުވުމުގެ ސަބަބުން ކަމަށް ވިއެޓްނާމްގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ބޯޓު ބަންޑުންޖަހާލި ވަގުތު އޭގައި ތިބި އެންމެން ވެސް ކަނޑަށް ވެއްޓުނު ކަމަށް އެ ރިޕޯޓުތައް ބުނެއެވެ.
މި ދަތުރުގައި ޖުމުލަ 36 މީހުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 32 ފަތުރުވެރިންނާއި، ބޯޓުގެ ތިން ފަޅުވެރިންގެ އިތުރުން އެހީތެރިއެކެވެ. މަރުވި މީހުންގެ ތެރޭގައި 13 ފިރިހެނުންނާއި ދެ އަންހެނުން ހިމެނޭއިރު، ސަލާމަތްކުރެވުނު 21 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށްވެއެވެ.
ހާދިސާއާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހޯޗީމިން ސިޓީގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހާއި، ހެނޯއީގައި ހުންނަ އެ ގައުމުގެ އެމްބަސީގައި ކޮންޓްރޯލް ރޫމްތައް ގާއިމުކޮށްފައިވާ ކަމަށް އިންޑިއާގެ އެމްބަސީން އެކްސްގައި ބުނެފައިވެއެވެ. އަދި ވިއެޓްނާމަށް ކަނޑައަޅާފައި ހުންނަ އިންޑިއާގެ ސަފީރު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްޕުޅު ފައްޓަވައިފައެވެ.
ހާދިސާގައި އަސަރުކުރި މީހުންގެ ތެރޭގައި، އިންޑިއާގައި މޯބައިލް ފޯނު އުފައްދާ ކުންފުންޏެއް ކަމަށްވާ "ލާވާ މޮބައިލްސް"ގެ ބައެއް މުވައްޒަފުންނާއި ބައިވެރިން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެމީހުންގެ އާއިލާތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން، މި ހާދިސާގައި އިންޑިއާގެ އަންދްރަޕްރަދޭޝްއަށް ނިސްބަތްވާ ބަޔަކު ހިމެނޭތޯ ބެލުމަށާއި، އެފަދަ ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް، މަރުކަޒީ ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް، އެ ސްޓޭޓުގެ މިނިސްޓަރު ނާރާ ލޮކޭޝް ވަނީ އޮފިޝަލުންނަށް އަންގަވައިފައެވެ.
ކޮމެންޓު ފޮނުވާ